އެޗްޑީސީ

އެޗްޑީސީން ދިނީ ފިހާރަތަކާ ގުޅޭ ނަންބަރުތައް، އެދުމަކީ ބޭރަށް ނުގޮސް މުދާ ގެޔަށް ޑެލިވާ ކުރުން

އައިދާ އަބްދުލް ހަކީމް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ފިހާރަތަކުގެ ނަންބަރު ލިސްޓެއް އާންމުކޮށް، ފިހާރަތަކަށް ނުގޮސް މުދާ ގެޔަށް ޑެލިވާ ކުރަން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެދިއްޖެއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ގޭގައި ތިއްބެވުމަށް އިލްތިމާސްކޮށްފައިވާތީ ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން އޮންލައިންކޮށް ނުވަތަ ފޯނުން ގުޅައިގެން ތަކެތި ގަތުމަށް އެދިފައެވެ.

އެގޮތުން އެޗްޑީސީން ވަނީ އެކަމަށް ހާއްސަ ވެބްސައިޓެއް ތައާރަފުކޮށްފަ އެވެ. އެޗްޑީސީން ތައާރަފު ކުރި ވެބްސައިޓް https://my.hdc.com.mv/gmap/index.html އިން ފިހާރަތަކުގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު ފެންނަން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އެދެނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފިހާރަތަކުން ހުޅުމާލޭގެ ރައްޔިތުންނަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ. އަދި އެކޯޕަރޭޝަނުން އެކަމަށް ހާއްސަ ކޮށްފައިވާ ވެބްސައިޓުން އެފަރާތެއްގެ ފިހާރަ، ރެސްޓޯރެންޓް ނުވަތަ ކެފޭގެ ނަން ނުފެންނަ ނަމަ http://tiny.cc/gfvolz މި ލިންކު މެދުވެރިކޮށް އެތަނެއްގެ މައުލޫމާތު ހުށަހެޅުމަށެވެ.

އެޗްޑީސީން ބުނީ ކޮވިޑް19 އިން ރައްކާތެރިވުމަށް އަދި އެބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރާއި ގުޅިގެން އެކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބަސް ހުއްޓިތަކާއި ފްލެޓްތަކާއި އަދި އާންމު ތަންތަން ޑިސްއިންފެކްޓުކޮށް ހުޅުމާލެ ބީޗް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް ވަނީ 13 މީހުން ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ތެރެއިން ތިން މީހަކު ވަނީ އެބަލިން ރަނގަޅުވެފައެވެ.