ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އިތުރު ތިން ރިސޯޓެއް މޮނިޓަރިންއަށް ލާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ މޮނީޓަރިންގެ ހާލަތައް ގެނެސްފައިވަނީ ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓާއި ކުލަބް މެޑް ކަނިފިނޮޅު އަދި ވެލިގަނޑު ރިސޯޓު ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ހަކުރާ ހުރާ ރިސޯޓާއި ވެލިގަނޑު ރިސޯޓް މޮނީޓަރިންގެ ލާފައިވަނީ، އެ ދެ ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ކަމަށެވެ. އަދި އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
ކްލަބް މެޑް ކަނިފިނޮޅު މޮނީޓަރިން އަށް ގެނެސްފައިވަނީ އެ ރިސޯޓުގައި ހުރި ދިވެއްސެއްގެ ފަރާތުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެންނެވެ. އަދި އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ހަދަމުންދާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
މި ތިން ރިސޯޓުގެ އިތުރުން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ސެންޓާރާ ގުރޭންޑް ރިސޯޓާއި އަދާޜަން ކުލަބް ރަންނާޅި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ދެ ސަފާރީއަކާއި ލަންކާ އިން ރާއްޖެއައި އުޅަނދެއް ވަނީ މޮނީޓަރިންއަށް ލާފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވަނީ 13 މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހެއް އެބަލިން ވަނީ ރަނގަޅުވެފައެވެ. ނަމަވެސް އަދިވެސް އެމީހުންގެ ހާލަތު ދަނީ މޮނީޓާ ކުރަމުންނެވެ.