ކުއްލި ޚަބަރު

ސިއްހީ ދާއިރާއަށް އެހީވާން ބޭނުންވެގެން ނޭޕާލްގައި ތިބި މެޑިކަލް ދަރިވަރުން ސަރުކާރުން ރާއްޖެ ގެންނަނީ

މަރިޔަމް ޝަހުދާ

ސިއްހީ ދާއިރާއަށް އެހީވުމަށް ބޭނުންވެގެން އެދުނު ނޭޕާލްގައި ތިބި މެޑިކަލް ދަރިވަރުން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިރޭގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން ކިޔަވަމުން ގެންދާ ދަރިވަރުންގެ ތެރެއިން މިހާލަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވާން އާދެވޭނެ ދަރިވަރުން އެކަން އެންގުމަށް ހެލްތު މިނިސްޓްރީން ހުޅުވާލުމުން، 100 އަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ނޭޕާލްގައި ތިބި 35 މެޑިކަލް ދަރިވަރަކަށް ސަރުކާރުގެ ހަރަދުގައި ޓިކެޓް ނަގާފައިވާއިރު އެގައުމުގައި ތިބި އިތުރު 67 ދަރިވަރަކު ރާއްޖެ ގެނައުމަށް ޓިކެޓް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި އެކި ގައުމުތަކުގައި ތިބި ދިވެހި ޑޮކްޓަރުންނާއި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުން ރާއްޖޭގައި ވޮލަންޓިއާ ކުރުމަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ދަރިވަރުން [email protected] އަށް މެއިލް ކުރުމަށް އެދިވަޑައިގަތެވެ.