ކޮވިޑް 19 އާ ގުޅިގެން ރަށްރަށުން ރިސޯޓުތަކަށް އެރުން މަނާކޮށްފައި ވަނިކޮށް، ރިސޯޓަކަށް އެރި މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކްހެލްތުގެ އެންގެވުމާ ހިލާފަށް އިއްޔެ ހއ. އަތޮޅުގެ ރިސޯޓަކަށް އެ ރިސޯޓުގެ މުވައްޒަފަކު އަރާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިރޭ 7:49 އެހާކަންހާއިރު އެމީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާއަކީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން މިއަދު ވަނީ ރިސޯޓަކުން ފިލައިގެން މާލެ އައިސް، ފުވައްމުލައް ސިޓީއަށް ދިޔަ ދެ މުވައްޒަފަކު ވެސް ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ، އުމުރުން 30 އަހަރާއި 29 އަހަރުގެ އެ ދެމީހުން ރިސޯޓުން ފިލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ކަމަށެވެ. އަދި ރިސޯޓުން ފިލައިގެން މާލެ އައިސް، ފުވައްމުލަކަށް ގޮސްފައިވަނީ ޖެހިގެން އައި ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެމީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހައިފައެވެ.
ކޮވިޑް 19 އިން ރައްކާތެރި ވުމަށްޓަކައި އެޗްޕީއޭއިން ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި އަދި ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ވެސް މަނާ ކޮށްފައެވެ.