އިބްރާހިމް ޒަކީ
ރާއްޖެއަށް ކޮވިޑް 19 ފެތުރުނަ ނުދިނުމަށް، އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުުގެ ހާލަތުުގެ ދަށުން ރިސޯޓުތަކުގައި އުޅޭ މީހުން އެހެން ރަށްރަށަށް ދިއުން މަނާކޮށްފައިވަނިކޮށް، ރިސޯޓަކުން ފިލައިގެން ފުވައްމުލަކަށް ދިޔަ ތަނުން ހައްޔަރުކުރި ދިވެހި ދެ މުވައްޒަފުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުން ރޭ ހައްޔަރު ކުރީ ރިސޯޓަކުން ފިލައިގެން މާލެ އައިސް މާލޭން ފްލައިޓުގައި ފުވައްމުލަކަށް ގޮސްފައި ވަނިކޮށެވެ.
ފުލުހުން ބުނީ ފިލައިގެންދިޔަ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކޮވިޑް 19 ގެ ސަބަބުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގާނޫނުުން ލިބިގެންވާ ބާރުގެ ދަށުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، އޭގެ ދަށުން އަޅާ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެގޮތަށް ކަނޑައަޅާ ކަންތައްތައް ތަންފީޒު ކުރާނެ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.
ރާއްޖެއިން ކޮވިޑް 19 އަށް 13 މީހަކު ޕޮޒިޓިވެފައި ވާއިރު އޭގެ ތެރެއިން ތިން މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ތިންމީހުން ރަނގަޅު ވުމުން، މި ވަގުތު ރާއްޖޭގައި ތިބި ކޮވިޑް 19 އަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 10އެވެ.