ކޮވިޑް 19 ގެ އަލާމާތް ހުރި އެންމެ މީހަކު ކުރާ ކަމަކުން މުޅި ގައުމު ނުރައްކަލަށް ހިނގައިދާނެ ކަމަށް، ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ކޮންމެ ދުވަހަކު ދަރުބާރުގޭގައި ބާއްވާ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިބައްޔަކީ ބަލީގެ އަލާމާތް ހުރި ނުވަތަ މިބަލި ޖެހިފައި ހުރި އެންމެ މީހަކަށް ކުރެވޭ ކަމަކުން މުޅިގައުމު ނުރައްކަލަށް ދެވޭ ކަހަލަ ނުރައްކާތެރި ބައްޔެއް ކަމަށެވެ.
އެގޮތުން ކޮވިޑް 19 ޖެހުނު ތިން މީހަކު އެބަލިން ރަނގަޅުވީ ނަމަވެސް އެބަލިން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށެވެ. އަދި މިކަމުގައި އަމަލު ކުރަން ޖެހޭ ގޮތަށް ވެސް ބަދުލު އައިސްފައި ނުވާ ކަމަށެވެ.
"މިބަލީގެ އަލާމާތް ހުރި ނުވަތަ މިބަލި ޖެހިފައި ހުރި އެންމެ މީހަކަށް ކުރެވޭ ކަމަކުން މުޅިގައުމު ނުރައްކަލަށް ދެވޭކަހަލަ ނުރައްކާތެރި ބައްޔެއް މިބަލި މީ، އެކަކު ކިބައިން ތިން މީހުންނަށް، ތިން މީހުން ކިބައިން ނުވަ މީހުންނަށް، ނުވަ މީހުން ކިބައިން 27 މީހުނަޑް މިބަލި ޖެހިގެންދޭ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެއްވެސް މީހަކު މި ބަލީގެ ނުރައްކާތެރިކަން ހަނދާން ނައްތާލައިގެން ނުވާކަމަށެވެ.