ކުއްލި ޚަބަރު

ރިސޯޓުތަކުން މީހުން ފުރުން މަނާކޮށްފައިވަނިކޮށް ފިލައިގެން ފުވައްމުލަކަށް ދިޔަ ދެ ދިވެއްސަކު ހައްޔަރުކޮށްފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާއި ގުޅިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށް ދިއުން މަނާކޮށްފައި ވަނިކޮށް، ރިސޯޓަކުން ފިލައިގެން މާލެ އައިސް، ފުވައްމުލަކު ސިޓީއަށް ދިޔަ ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މާލެ އަތޮޅުގައި ހިމެނޭ ރިސޯޓެއްގައި މަސައްކަތްކުރާ ދެ މުވައްޒަފަކު މިމަހުގެ 19 ވަނަ ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން އައިސް، ފުވައްމުލަކު ސިޓީއަށް ގޮސްފައިވާތީ އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވަނީ 30 އަހަރާއި 29 އަހަރުގެ ދެ ދިވެހިންނެވެ. އަދި އެމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ ކޮވިޑް19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު އެ މުއައްސަސާއިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި އެޗްޕީއޭއިން ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުމުގެ އިތުރުން ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ވެސް މަނާ ކޮށްފައެވެ.