އިބްރާހިމް ޒަކީ
ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ހުރި ދިވެއްސެއްގެ ސާމްޕަލް ޓެސްޓް ކުރުމަށްޓަކައި ނަގައި އަދާރަން ކުލަބް ރަންނާޅި ރިސޯޓު ވެސް މޮނިޓަރިން އަށް ގެނެސްފިއެވެ.
އެޗްޕީއޭއިން މިއަދު ހެނދުނު ބުނެފައިވާ ގޮތުގައި ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ސެންޓާރާ ގްރޭންޑް ރިސޯޓުން ވެސް ދިވެއްސެއްގެ ސާމްޕަލް ނަގައި އެ ރިސޯޓް ވެސް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.
އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ސެންޓާރާ ގްރޭންޑް ރިސޯޓާ އެއްގޮތަށް އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ވެސް މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ރިސޯޓުން ޝައްކުވާ ދިވެހި މީހާގެ ސާމްޕަލް ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖެއިން ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވެފައި ވާއިރު އޭގެ ތެރެއިން ދެ މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ރޭ ވަނީ އިއުލާނުކޮށްފަ އެވެ.
މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހުން ރަނގަޅު ވުމުން، މި ވަގުތު ރާއްޖޭގައި ތިބި ކޮވިޑް 19އަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 11 އެވެ.