އަވައްޓެރި ސްރީލަންކާ އިން ރާއްޖެއަށް މީހުން އައުން ވެސް މަނާކޮށްފި އެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން، ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ލަންކާ ވަނީ ހިމަނައިފައެވެ. އެއީ މިއަދު ހެނދުނު 6:00 އިން ފެށިގެންނެވެ.
ނަމަވެސް ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ލަންކާއިން އަންނަ ނުވަތަ ލަންކާގައި ޓްރާންސިޓް ކޮށްފައި އަންނަ ދިވެހި ރައްޔިތުންނަށާއި އެމީހުންގެ އަނބިން ނުވަތަ ފިރިންނަށް ރާއްޖެ އެތެރެ ވެވޭނެ އެވެ.
ލަންކާއިން މީހުން އައުން ސަރުކާރުން މަނާކޮށްފައިވާއިރު އެގައުމުގެ ހުރިހާ ސަރަހައްދަކަށް އަންނަ ހޯމަ ދުވަހުގެ ހެނދުނު 6:00 އާއި ހަމަޔަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ.
ލަންކާގެ ސިއްހީ އިދާރާތަކުން ރެޔާއި ހަމައަށް ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން ކޮވިޑް 19 ޖެހިފައިވާ 72 މީހުން މިހާތަނަށް ވަނީ ފެނިފައެވެ. އަދި އޭގެ ތެރެއިން އެކަކު ބަލިން ރަނގަޅު ވެފައިވާއިރު 218 މީހުން އޮބްސަވޭޝަންގައި އެބަތިއްބެވެ.
ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާތަނަށް ވަނީ ޗައިނާ އާއި އީރާން، ސައުތު ކޮރެއާގެ ދެ ސަރަހައްދަކުންނާއި އިޓަލީ، ބަންގުލަދޭޝް، ސްޕެއިން، ފްރާންސްގެ ދެ ސަރަހައްދަކުންނާއި ޖަރުމަނުގެ ތިން ސަރަހައްދަކުން އަދި މެލޭޝިއާ އާއި އިނގިރޭސި ވިލާތުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައެވެ.