ކޮވިޑް 19

ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި ވައިގެ މަގުން އަންނަ އެހެން ހުރިހާ މީހުން ކަރަންޓީނުކުރަން އަންގައިފި

އިބްރާހިމް ޒަކީ

1

ރިސޯޓު ތަކަށް އަންނަ ފަތުރުވެރިން ފިޔަވައި، ވައިގެ މަގުން ރާއްޖެއަށް އަންނަ އެހެން ހުރިހާ މީހުން ކަރަންޓީނު ކުރަން އަންގައިފި އެވެ.

މިކަން އަންގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް މިއަދުން ފެށިގެން ކަރަންޓީން ކުރަން ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގާ ކަމަށެވެ.

ދިވެހިންނާއި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ބިދޭސީން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުުނެފައިވަނީ މި ފިޔަވަޅަކީ ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކޮށް، އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން އަންގާ އެންގުމެއް ކަމަށެވެ.

"މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި، ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކރުމަށް އެންމެހާ ފަރާތްތަކަށް އަންގަން،" އެ ބަޔާނުގައި ވެއެވެ.

ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަންނަނީ ރައްކާތެރި ކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އޭގެ ތެރޭގައި އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރުމާއި، ޕާކުތަކާއި މައިޒާންތައް ބަންދުކުރުމާއި ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އެހެން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދިއުން މަނާކުރުން ހިމެނެއެވެ.

ސްކޫލުތަކާއި ކޮލެޖުތައް އަދި ކިޔަވައިދޭ އެހެން މަރުކަޒުތައް ބަންދުކުރުމުގެ އިތުރުން، ކެފޭ، ރެސްޓޯރެންޓުތަކުގައި ތިބެގެން ކެއުންބުއިންވެސް ވަނީ މިރޭ 12:00 އިން ފެށިގެން މަނާކޮށްފައެވެ.

ރާއްޖެއިން ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވެފައި ވާއިރު އޭގެ ތެރެއިން ދެ މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ރޭ ވަނީ އިއުލާނުކޮށްފަ އެވެ.

މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހުން ރަނގަޅު ވުމުން، މި ވަގުތު ރާއްޖޭގައި ތިބި ކޮވިޑް 19 އަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 11 އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟