ބޮލީވުޑް ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު ކޮވިޑް19 އަށް ޕޮޒިޓިވްވެ އިންޑިއާގެ ލަކްނޯގެ ބޮޑު ސަރަހައްދެއް ބަންދުކޮށްފިއެވެ.
ކަނިކާ އިއްޔެ ހިއްސާކުރި ޕޯސްޓެއްގައި ބުނީ ފާއިތުވި ހަތަރު ދުވަހު ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި ޓެސްޓު ކުރުމުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާ އާއި އާއިލާ މިވަގުތު ތިބީ ކަރަންޓީނު ކޮށްފައި ކަމަށާއި ޑޮކްޓަރުންގެ ލަފާގެ މަތިން އިތުރަށް ކުރިއަށް ދާނީ ކަމަށް ޕޯސްޓުގައި ވެއެވެ.
"ބޭބީ ޑޯލް" ލަވަކިޔާފައިވާ ތަރި ކަނިކާ ވަނީ ލަންޑަނުން މުމްބާއީއަށް އަދި އެއަށްފަހު ލަކްނޯއަށް ގޮސް ޕާޓީ އަކަށް ވެސް ގޮސްފައެވެ. އެ ޕާޓީއަށް އިންޑިއާގެ ޔޫޕީ ހެލްތު މިނިސްޓަރު ޖެއީ ޕްރަތާބް ސިންގާއި އެކު އިތުރު ވީއައިޕީންތަކެއް ވެސް ދިޔަ ކަމަށް ވެއެވެ.
ލަކްނޯގައި ދިޔައީ އެންމެ ޕާޓީއަކަށް ކަމަށާއި އޭރު ހުރީވެސް އަންގި ލައްވައިގެން ކަމަށް ކަނިކާ ބުނި ނަމަވެސް އޭނާގެ ބައްޕަ ވަނީ ކަނިކާ އިތުރު ތިން ޕާޓީއަކަށް ދިޔަކަމަށް ބުނެފައެވެ.
ކަނިކާގެ އިހުމާލު އޮތް ކަމެއްގެ ގޮތުގައި ތުހުމަތުކޮށް، އެކަން ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ. ޔޫޕީ ފުލުހުން ކަނިކާއަށް އުފުލާ ދައުވާއަކީ އިންޑިއާގެ ޕީނަލް ކޯޑު ސެކްޝަން 269ގެ ދަށުން އުފުލާ ދައުވާއެކެވެ.
އެ ސެކްޝަނުގައި ބުނަނީ ގަވައިދާ ހިލާފަށް ނުވަތަ ފަރުވާކުޑަކޮށް ކުރެވޭ ކަމެއްގެ ސަބަބުން ފުރާނައަށް ގެއްލުންވާ އިންފެކްޝަނެއް ނުވަތަ ބައްޔެއް ފެތުރިގެން ގޮސްފި ނަމަ، ނުވަތަ އެކަމުގެ ފުރުސަތު އޮތް ނަމަ، އެމީހަކު ހަމަހަށް ބަންދު ނުވަތަ ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ.
އިއްޔެ ލަކްނޯގެ ފާމަސީތަކާއި ގޭސް ސްޓޭޝަން ތަކާއި ހޮސްޕިޓާތައް ފިޔަވައި އެހެން ހުރިހާ ތަނެއް ބަންދުކޮށްފައިވާއިރު އެސްޓޭޓުގެ މެޖިސްޓްރޭޓް ކޯޓުން އަންނަނީ ކަނިކާ ދިޔަ ހުރިހާ ޕާޓީތަކާއި ގުޅޭ ކަންކަން ވެސް ތަހުގީގުކުރަމުންނެވެ.
ކަނިކާ ދިޔަ ޕާޓީގައި ތިބި އެންމެންވަނީ ކަރަންޓީނު ކޮށްފަ އެވެ.