ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން "އިންޑަސްޓްރީ މެނޭޖުމެންޓް ޓީމް"އެއް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އެކުލަވާލާނެ ކަމަށާއި ކޮންމެ ދުވަހަކުވެސް ކުއްލި ހާލަތާއި ގުޅޭ ގޮތުން އިމިގްރޭޝަން ކޮންޓްރޯލާ "ޑެއިލީ ބްރީފިން"އެއް ދޭނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އެކުލަވާލައިފައިވާ ގައުމީ ޓާސްކްފޯސްގައި އިމިގްރޭޝަންގެ އިސްފަރާތެއް ބައިވެރިވެ، ގައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދުވަހުން ދުވަހަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް:
- އިމިގްރޭޝަންގެ ހިދުމަތްދޭ ހުރިހާ ތަނެއްގައި ރައްކާތެރިވުމުގެ ގޮތުން މާސްކު، އަންގި އަދި ސެނިޓައިޒާ ފަދަ ތަކެތި ބޭނުން ކުރުން
- އެޗްޕީއޭއާ ގުޅިގެން އިމިގްރޭޝަން އޮފިސަރުންނަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުން
- ކޮވިޑް 19އާ ގުޅިގެން ރައްޔިތުންނާއި އެހެނިހެން ބިސޭދީ ފަރާތްތައް ހޭލުންތެރިކުރުމަށްޓަކައި މީޑިއާ ކެމްޕޭނެއް ފެށުން
- އެއާޕޯޓު ބޯޑަރު ކޮންޓްރޯލްގެ ކައުންޓަރުތަކުގައި ވަށައި ބިއްލޫރި ޖަހައި، ފަސިންޖަރުންނާއި އިމިގްރޭޝަންގެ އޮފިސަރުންނާއި ދެމެދު އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުން
- އެއާބޯޓު ބޯޑަރު ކޮންޓްރޯލް ސަރަހައްދުގައި ކޮވިޑް 19އަށް ޝައްކު ކުރެވޭ ފަސިންޖަރެއް އުޅޭ ކަމުގައި ވާނަމަ ލަސް ނުކޮށް ކަމާ ބެހޭ އިދާރާތަކަށް އެންގުން
- ރާއްޖެ އަންނަ ފަތުރުވެރިން މޮނީޓާކުރުމަށްޓަކައި އެރައިވަލް ކާޑު ފުރިހަމަކޮށް، ކުރިން ދަތުރުކޮށްފައިވާ މަންޒިލް ދެނެގަނެ، ހެލްތު ޑިކްލަރޭޝަން ފޯމު ފުރިހަމަކުރުމާއެކު، ޝައްކު ކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަމާ ބެހޭ އިދާރާތަކަށް އެންގުން
- ބައެއް ގައުމުތަކުން މީހުން ރާއްޖެ އައުން މަނާކުރުމާއި ގުޅިގެން، ރާއްޖޭގައި ތިބި އެގައުމުތަކުގެ މީހުން އަނބުރާ ދިއުމަށްޓަކައި، ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުން
- އެކިި ވިސާތަކުގައި ރާއްޖޭގައި އުޅެމުން އަންނަ ފަރާތްތަކަށް ވިސާ ދިނުމުގައި ލުއިފަސޭހަތަކެއް ފޯރުކޮށްދިނުން
އިމިގްރޭޝަނުން ބުނީ ކޮވިޑް 19އަށް ޕޮސިޓިވްވެފައިވާ ފަރާތްތަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތައް ދެނެގަތުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.