ކުއްލި ޚަބަރު

ކޮވިޑް 19އަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އައި ދެމަފިރިން ރަނގަޅުވެއްޖެ

އަލީ ޔާމިން

ކޮވިޑް 19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11ގައި ފަރުވާދެމުން އައި ދެމަފިރިން ރަނގަޅުވެއްޖެއެވެ.

ކޮވިޑް 19އިން ފަސޭހަވެފައިވާ ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ.

އެތަނުން 70 އަހަރުގެ ފިރިހެން މީހާ ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11އަށް ގެންގޮސް ފަރުވާދޭން ފޭށީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް އިއްޔެ ސަރުކާރުން ވަނީ މީހާގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ހާމަކޮށްފައެވެ.

ޑޮކްޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އެ ދެ މީހުންގެ އިތުރު ޓެސްޓްތަކެއް ހަދާފައިވާ ކަމަށާއި އެ ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުން ދެ މީހުން ވެސް ކޮވިޑް 19އަށް ނެގެޓިވްވެފައިވާ ކަމަށެވެ.

އެ ދެމީހުން ކޮވިޑް 19އަށް ނެގެޓިވްވުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ޕްރޮޓްކޯލްއާ އެއްގޮތަށް އެމީހުން ހޮސްޕިޓަލް ދޫކޮށްލައި ދެން އަމަލުކުރާނެ ގޮތެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ބަލިން ރަނގަޅުވި ކަމަށް ބަލަނީ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.

އެ ދެމީހުންގެ ތެރެއިން 70 އަހަރުގެ ފިރިހެން މީހާއަކީ ސިވިއާ ނިއުމޯނިއާ ޕޭޝަންޓަކަށްވުމުން، އޭނާއަށް އެނބުރި ގައުމަށް ދިއުމުގެ ހުއްދަ ދިނުމުގެ ކުރިން ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް އިތުރު ދެ ހަފްތާ އޭނާގެ ހާލަތު ބަލަންޖެހޭނެއެވެ.

ކޮވިޑް 19އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. ރާއްޖެއިން މި ބަލި އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓަށް ބަލި ފެތުރި، ފަސް މީހަކަށް ބަލި ޖެހުނެވެ. ދެން ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓުގެ ދެ ފަތުރުވެރިއެއްގެ އިތުރުން އައިލެންޑް ސަފާރީގެ ދެ ފަތުރުވެރިއަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ ފަތުރުވެރިއަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ ފަތުރުވެރިއެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މީގެ ކުރިން ބުނީ ކިރިޔާވެސް އަލާމާތެއް ފެނިއްޖެ ނަމަ ކޮވިޑް 19އަށް ޓެސްޓް ކުރާނެ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައިވާ އިރު، މި ބައްޔަށް ރާއްޖޭގައި މީހަކު ޕޮޒިޓިވް ނުވާތާ ވަނީ ފަސް ދުވަސް ވެފައެވެ.