މާދަމާ ރޭ 00:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހުންނަ ކެއުން ބުއިމުގެ ހިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާދަމާ ރޭ 00:00 އިން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ހުރި ހުރިހާ ކެއުން ބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެތަންތަނުން ޓޭކްއަވޭގެ ހިދުމަތް ދިނުމުގެ ހުއްދަ ދެވޭނެ ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށް މިސްކިތްތައް ބަންދުކޮށް، ގޭގައި ނަމާދު ކުރަން ސަރުކާރުން އަންގާފައިވީ ނަމަވެސް ކެފޭ ރެސްޓޯރެންޓުތައް ބަންދު ކުރަން ނުނިންމާތީ އެކަމުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.