ކުއްލި ޚަބަރު

އިންޑިއާއަށް އިންޓަނޭޝަނަލް ކޮމާޝަލް ފްލައިޓުތައް ޖެއްސުން މަނާކޮށްފި

ނިއު ދެއްލީ: އިންޑިއާގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެގައުމަށް ޝެޑިއުލް އިންޓަނޭޝަނަލް ކޮމާޝަލް ފްލައިޓުތައް ޖެއްސުން މަނާކޮށްފިއެވެ.

އިންޑިއާއަށް ކޮންމެ ހަފްތާއަކު ވެސް ގާތްގަނޑަކަށް 300 ބޭރު ފްލައިޓްސް ޖައްސައެވެ.

އިންޑިއާގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިިން އިންޑިއާއަށް އައިސް ފުރާ ހުރިހާ އެއާލައިން ތަކަކަށް މިއަދު ފޮނުވި ސާކިއުލާގައި ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އިންޑިއާގެ އެއްވެސް އެއާޕޯޓަކަށް ޖެއްސުމަށް ބޭރުގެ އެއްވެސް ފްލައިޓެއް ފުރައިގެން ނުވާނެ ކަމަށެވެ. އަދި އެ ނިންމުން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދެމި އޮންނާނެ ކަމަށް ބުނެފައިވެއެވެ.

އިންޑިއާއިން މިފަދަ ފިޔަވަޅެއް އެޅިއިރު ކޮވިޑް 19އާ ގުޅިގެން ދަތުރުފަތުރު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ ގިނަ އެއާލައިންތަކުގެ ދަތުރުތައް ވަނީ ކެންސަލް ކޮށްފައެވެ.

އިންޑިއާ އިން މިހާތަނަށް ކޮވިޑް 19 ވަނީ 197 މީހުންނަށް ޖެހިފައިވާއިރު އެބަލީގައި ހަތަރު މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.