ކޮވިޑް 19

ރޯދަ އެލަވަންސް ކުޑައެއް ނުކުރާނަން: ފިނޭންސް މިނިސްޓަރު

އަލީ ޔާމިން

1

ރޯދަ އެލަވަންސް ކުޑައެއް ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދައުލަތުގެ މާލީ އިދާރާތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރޯދަ އެލަވަންސް ކުޑަކުރުމަށް ނުވަތަ ރޯދަ އެލަވެންސް ނުދޭން އެއްވެސް މަޝްވަރާއެއް ކުރެވިފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެލަވަންސްތައް ކުޑަނުކުރާނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދޭންވާނެ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ ދައުލަތުގެ ބައެއް ހަރަދުތައް ކުޑަކުރަން ނިންމައިފައެވެ. ހަރަދުތައް ކުޑަކުރި ނަމަވެސް ސަރުކާރުގެ ޕީއެސްއައިޕީގެ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟