އަލީ ޔާމިން
އެސްއެމްއީ ބޭންކުން މި ވަގުތު އާ މަޝްރޫއުތަކަށް ފައިސާ ދުލެއް ނުކުރާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދައުލަތުގެ މާލީ އިދާރާތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ބޭންކުން މި ވަގުތަށް އާ ޕްރޮޖެކްޓްތަކަށް ފައިސާ ދޫކުރުނާނެ ކަމަށެވެ. ނަމަވެސް މިހާރުވެސް ހިނގަމުން އަންނަ ޕްރޮޖެކްޓްތަކަށް ފައިސާ ދޫކުރާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ މިވަގުތަށް އާ ޕްރޮޖެކްޓްތަކަށް ފަންޑް ނުކުރަން. ދެން އެއީ މިހާރު އެޕްލައިކޮށްފައި ހުރި އެއްޗެއްސެއް ނޫން. އަޅުގަނޑުމެން ބޮޑަށް އަހަންމިއްޔަތުކަން ދޭނީ ވިޔަފާރިތައް ފްލޯޓްކުރުމަށް ބޭނުންވާ ވޯކިން ކެޕިޓަލް ރިކުއާމެންޓްތައް ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް. ދެން މީގެ މާނައަކީ ހުރިޙާ ޕްރޮޖެކްޓެއް ހުއްޓާލާ ވާހަކައެއް ނޫން. މުޅިން އަލަށް ފަށަން ބޭނުންވާ ޕްރޮޖެކްޓްތައް އަޅުގަނޑުމެން މަޑުޖައްސާލަނީ. އެހެންނަމަވެސް ހިނގަމުންދާ ޕްރޮޖެކްޓްތަކަށް އަޅުގަނޑުމެން ފައިނޭންސް ދޭނަން،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެސްއެމްއީ ބޭންކު މެދުވެރިކޮށް ފައިސާ ދޫކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަށް ކުރިއަށްވުރެ ބޮޑު އަހަންމިއްޔަތުކަމެއް ދޭނެ ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން މިއަދު ވަނީ ވިޔަފާރިތަކަށް އެހީވުމަށް 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް ތައާރަފުކޮށްފައެވެ. އަދި ކޮވިޑް 19އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދޭން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ބޭންކު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.