ޑޮލަރު ކްރައިސިސްއެއް ރާއްޖެއަކަށް ނާންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދައުލަތުގެ މާލީ އިދާރާތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ހިންގަނީ ބޭރުން ފަންޑު ހޯދައިގެން ކަމަށެވެ.
ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ރާއްޖޭގައި ހުރި ލިކިއުޑިޓީ ބޭނުންކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ، ޑޮލަރު ކްރައިސިސްއެއް ރާއްޖެއަކަށް ނާންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުން މިހާރު އިންނާނެ އިންޑިއާގެ ސަރުކާރާ އެއްކޮށް އާރްބީއާ އެއްކޮށް 400 ޑޮލަރުގެ ކަރަންސީ އެގްރީމެންޓެއް ހަދާފައި. އަދި އޭގެ އިތުރުން ސާކްގެ ފެސިލިޓީގެ ތެރެއިން އިންނާނެ 200 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް. އެހެންވީމާ ރާއްޖޭގެ ޑޮލަރު ވެލިއު ހިފެހެއްޓުމަށް ހަމަ އަވަސް ގޮތަކަށް އިންޓަވީން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެބަހުރި ގާތްގަނޑަކަށް ޓޯޓަލް 600 މިލިއަން ޑޮލަރުގެ ފެސިލިޓީސްތައް އެބަހުރި. އެހެންކަމުން އަޅުގަނޑު ޔަގީންކަން މިދެނީ އިމްޕޯޓް ކުރާ ފަރާތްތަކަށްވެސް އަދި ރާއްޖޭގެ އެހެނިހެން ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ރާއްޖޭގައި ޑޮލަރު ކްރައިސިސް އެއް އިރާދަކުރެއްވިއްޔާ ނާންނާނެކަން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ޓްރެޝަރީ ބޮންޑެއް ދޫކުރަން ޖެހުނަސް އެކަންވެސް ކުރައްވާނެ ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވެ އިގުތިސާދަށް ހީނަރުކަމެއް އައިސްފައިވާއިރު ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެކަން އެގޮތަށް ކުރަނީ ގައުމުގެ ތެރޭގައި ފައިސާ ދައުރުވާ މިންވަރު އިތުރުކޮށް ގައުމުގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް ކަމަށް ސަރުކާރުން ބުނެއެވެ.