ކޮވިޑް 19

ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓާލައިފި ނަމަ ފައިސާ ދައުރެއްނުވާނެ، އޭރުން އިގުތިސޯދު މާ ގޯސްވާނެ: މިނިސްޓަރު

އަލީ ޔާމިން

ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓާލައިފި ނަމަ ފައިސާ ދައުރެއް ނުވާނެ ކަމަށާއި އޭރުން އިގުތިސޯދު އިތުރަށް ގޯސްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދައުލަތުގެ މާލީ އިދާރާތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް ސަރުކާރުގެ ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށެވެ. އަދި ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދަނީ އިގުތިސާދު ހަމައަކަށް އެޅުވުމަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"ޕަބްލިކް ސެކްޓާ މަޝްރޫއުތައް މަޑުނުޖައްސައި އަޅުގަނޑުމެން މިގެންދަނީ ހަގީގަތުގައި އިގުތިސާދު ހަމަ ސްޓިމިއުލޭޓްކޮށް ކުރިއަށް ގެންދިއުމަށްޓަކައި. މިހާރު މި އަންނަ އިގުތިސާދީ ހީނަރުކަން އިތުރަށް ގޯސްވެގެންދާނެ އަޅުގަނޑުމެން މާކެޓުގައި މަނީ ސާކިއުލޭޝަން ދަށްވެގެން ދަންޏާ. މަނީ ސާކިއުލޭޝަން ދަށް ނުވާނެ ގޮތަކަށް އަޅުގަނޑުމެން ހިފާއްޓަން ބޭނުންނަމަ އެބަ ޖެހޭ ޕަބްލިކް ސެންޓާ އިންވެސްޓްމެންޓް ޕްރޮގްރާމްތައް ކުރިއަށްގެންދަން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމާ އަޅާ ބަލާއިރު ރާއްޖޭގެ ދަރަނި ބޮޑު ކަމަށެވެ. އަދި އެ ދަރަނިތައް ރީސްޓަކްޗާ ކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާތާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، މިވަގުތަށް މުހިންމީ ރާއްޖޭގެ ދަރަންޏެއް ނޫން ކަމަށެވެ.

"މިއަދު އަޅުގަނޑު ބަލާކަށް ބޭނުމެއް ނޫން ރާއްޖޭގެ ދަރަނީގެ ނިސްބަތް އޮތީ ކިހާ ހިސާބެއްގައިތޯ. ނަގަން ޖެހޭ ހުރިހާ ލޯނެއް ނަގައިގެންވެސް އަދި ބޭރުގެ ފަންޑިންތަކެއް ހޯދައިގެންވެސް އަޅުގަނޑު ބޭނުންވަނީ މީގެ އެއް އަހަރު ފަހުންވެސް އިގުތިސާދެކޭ ކިޔާފައި ދައްކާނެ އިގުތިސާދެއް އޮތުން." އަމީރު ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.