ކޮވިޑް 19

މި ހާލަތުން އަރައިގަތުމަށް އިތުރު ހަ ބިލިއަން ރުފިޔާ ބޭނުން ވާނެ: ފިނޭންސް މިނިސްޓަރު

އަލީ ޔާމިން

މި ހާލަތުން އަރައިގަތުމަށް އިތުރު ހަ ބިލިއަން ރުފިޔާ ބޭނުން ވާނެކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދައުލަތުގެ މާލީ އިދާރާތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ބޭރުގެ މާލީ އެހީ ބޭނުންވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ހުރިހާ މާލީ އިދާރާތަކާ ވާހަކަދައްކަމުން އަންނަ ކަމަށާއި އެ ފަރާތްތަކުން ރާއްޖެއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ދައުލަތުގެ އާމްދަނީވެސް ބޮޑުތަނުން ދަށްވެފައިވާ ކަމަށާއި އެހެންކަމުން މި ހާލަތުން އަރައިގަތުމަށް އިތުރު ހަ ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.

"ފާސް ކުރެވުނު ބަޖެޓުގެ ފަންޑިން އަކީ 5.9 ބިލިއަން ރުފިޔާ. އޭގެ އިތުރަށް ކޮވިޑް 19އާ ހެދި އިގުތިސާދީ ކްރައިސިސްއަކާ ދިމާއަށް އަޅުގަނޑުމެން މިދަނީ. އެހެންމަ ސަރުކާރަށް ލިބޭނެ އާމްދަނީވެސް ބޮޑުތަނުން ދަށްވެގެންދާނެ. އެހެންމަ އަޅުގަނޑުމެން މިބަލަނީ އެޑިޝަނަލް ހަ ބިލިއަން ރުފިޔާ އިތުރަށް އަޅުގަނޑުމެން ބޭނުންވާނެ ކަމަށް ފަންޑިން ހަމަޖައްސަން،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ގައުމުގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް ބޭނުންވާ ހަ ބިލިއަން ރުފިޔާ ހޯދާނީ ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުން ކަމަށާއި އެކަމަށް ރާއްޖޭގެ އެތެރޭގައި ހުރި މާލީ އިދާރާތަކުން ފައިސާ ނުހޯދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕެންސީ ދަށްވުމާ ގުޅިގެން މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.