ކޮވިޑް 19

ކޮވިޑް 19 އާއި ގުޅިގެން ދޫކުރާ މާލީ އެހީތެރިކަން ދޭނީ މުވައްޒަފުން ވަކި ނުކުރާ ފަރާތްތަކަށް: މިނިސްޓަރު ފައްޔާޒު

އަލީ ޔާމިން

ކޮވިޑް 19 އާއި ގުޅިގެން ދޫކުރާ މާލީ އެހީތެރިކަން ދޭނީ މުވައްޒަފުން ވަކި ނުކުރާ ފަރާތްތަކަށް ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދައުލަތުގެ މާލީ އިދާރާތަކުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން މިއަދު ވަނީ ވިޔަފާރިތަކަށް އެހީވުމަށް 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް ތައާރަފުކޮށްފައެވެ. އަދި ކޮވިޑް 19އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދޭން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ސަރުކާރުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭނީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަގީންކަން ދޭ ވިޔަފާރިޔަކަށް ކަމަށެވެ.

"މި ފައިނޭންސަލް ޕެކޭޖުގެ އެންމެ މައިގަނޑު ކޮންޑިޝަނަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުން. އެހެންކަމުން އަޅުގަނޑުމެންގެ މި އެހީތެރިކަން ލިބޭނީ އެކަމަށް އެއްބަސްވާ ވިޔަފާރިތަކަށް. އެހެންކަމުން އެކަމުގެ މަތިން ލޯނު ފެސިލިޓީތައް ވެސް އެހެން ކަންކަންވެސް ލިބިގެންދާނެ،" މިިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ކުރިއަށް އޮތް ހައެއް ނުވަތަ އަށް މަސް ތެރޭގައި ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.