ކޮވިޑް 19

ކޮވިޑް 19 އާއި ގުޅިގެން ބޭންކު ލޯނުތައް ހަމަހަށް ފަސް ކޮށްދޭން ސަރުކާރުން ނިންމައިފި

އަލީ ޔާމިން

3

ކޮވިޑް 19 އާއި ގުޅިގެން ބޭންކު ލޯނުތައް ހަމަހަށް ފަސް ކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ދައުލަތުގެ މާލީ އިދާރާތަކުން ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ.

"ކޮވިޑް 19އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމެންޓް ހަ މަސް ދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމަށް އަޅުގަނޑުމެން ވަނީ ވާހަކަދެކެވި ނިންމާފައި." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ނޭދެވޭ އަސަރުކޮށްފައިވާ މިންވަރު އެ ފަރާތްތަކާއި ވިޔަފާރިތަކުން ބޭންކަށް ދައްކައިދޭން ޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް އަންނަ ހަފްތާގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރާނެ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނުތައްވެސް ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް މަޝްވަރާކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމުގެ ގޮތުން ވިޔަފާރިތަކަށް އެހީވުމަށް 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއްވެސް ސަރުކާރުން ވަނީ ތައާރަފުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟