އަލީ ޔާމިން
ވިޔަފާރިތަކަށް އެހީވުމަށް 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް ސަރުކާރުން ތައާރަފުކޮށްފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދައުލަތުގެ މާލީ އިދާރާތަކުން ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމުގެ ގޮތުން ވިޔަފާރިތަކަށް އެހީވުމަށް 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
"ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި. އޭގެ ތެރޭގައި އެއްކަމަކަށް ޕެކޭޖު ތެރޭގައި ހިމެނޭ ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފެސިލިޓީތައް ފޯރުކޮށްދޭން ވަނީ ނިންމާފައި." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، އެ ޕެކޭޖުގެ ތެރެއިން ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދެ ބިލިއަން ރުފިޔާއާ ހަމައަށް އެއްވެސް ރަހުނަކާ ނުލައި ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރެވިގެންދާނެ ކަމަށެވެ.
"ޖުމްލަ ދެ ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެ ފެސިލިޓީއެއް. އޭގައި އަޅުގަނޑުމެން މި ފާހަގަކުރާ ނުކުތާތަކަކީ ލޯނު ދޫކުރެވޭނީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި، ހަ ޕަސަންޓް ތިން އަހަރުން އަނބުރާ ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީޑިއަޑްގަ ކޮލޭޓްރަލްއެއް ބޭނުމެއް ނުވާނެ،" އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، ވިޔަފާރިތަކަށް ލޯނު ދޫކުރުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމާ ގުޅިގެން ދިވެހިންގެ ވަޒީފާތައް ގެއްލުމުގެ ފުރުސަތާއި ޕްރައިވެޓް ސެކްޓާގެ މުސާރަތައް ކުޑަކުރުމަށް އޮވެދާނެ ފުރުސަތުތައް ހަނިކުރުމަށް ކަމަށެވެ. އަދި ލޯނު ނަންގަވާ ފަރާތްތަކުން އެކަމަށް ސަމާލުވެލެއްވުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.