ކޮވިޑް 19

ކަރަންޓު ބިލުން 40، ފެން ބިލުން 30 ޕަސެންޓު ކަނޑައިދޭން ސަރުކާރުން ނިންމައިފި

އަލީ ޔާމިން

ކަރަންޓު ބިލުން 40، ފެން ބިލުން 30 ޕަސެންޓު ކަނޑައިދެން ސަރުކާރުން ނިންމައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދައުލަތުގެ މާލީ އިދާރާތަކުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ގައުމުގެ އިގްތިސާދަށް އަންނަމުންދާ ހީނަރުކަމުން އަރައިގަތުމަށާއި ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ބިލުން ބައެއް ސަބްސިޑައިޒްކުރަން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ދެ މަހުގެ، އެއީ އޭޕްރީލް އަދި މެއި މަހުގެ ކަރަންޓް ބިލްގެ 40 އިންސައްތަ ސަރުކާރުން ސަބްސިޑައިސް ކޮށްދޭން. އަދި ކުރިއަށް އޮތް ދެ މަހު އޭޕްރީލް އަދި މެއި މަހު ފެނުގެ ބިލުން 30 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދޭނެ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްތަކަކަށްވާތީ ސްޓެލްކޯއިން ވަނީ ކަރަންޓް ބޭނުން ކުރުމުގައި އިގުތިސާދު ކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތަށް ސްޓެލްކޯއިން ނިންމީ މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަށް ވުމުން ކަރަންޓުގެ ބޭނުން ގިނައިން ކުރުމުގެ ސަބަބުން ކަރަންޓު ބިލްތައް ބޮޑުވާ މައްސަލައަށް އެންމެން ގުޅިގެން ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ކޮވިޑް 19އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އެ ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައެވެ. ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހީނަރުވެ ގައުމުގެ އިގުތިސާދީ ދުވެލި ވަނީ މަޑުޖެހިފައެވެ.