ސްޕެއިންގެ ބަތަލާ އަދި މަގުބޫލު ސީރީޒް މަނީ ހައިސްޓްގެ ބަތަލާ ރަކޭލް މުރިއްޔޯ (އިޓްޒިޔާރު) ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފިއެވެ.
އިޓްޒިޔާރު އެކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމުގައި އިއްޔެ ކުރި ޕޯސްޓުގައެވެ. ހިނިތުންވެލާފައި އެނދުގައި އޮތް އަމިއްލަ ފޮޓޯއަކާއެކު އިޓްޒިޔާރުގެ ޕޯސްޓުގައި ބުނީ ހުކުރު ދުވަހުން ފެށިގެން ކޮވިޑް19ގެ އަލާމާތްތައް ފެންނަން ފަށާފައިވާ ކަމަށެވެ.
"ހުކުރު ދުވަހުން ފެށިގެން ހުން އައިސް ކެއްސަމުން ދިޔައީ. މިއަދު ޓެސްޓުގެ ނަތީޖާ ލިބުނީ" ސްޕެނިޝް ބަހުން ޖަހާފައި އޮތް ފޮޓޯ ކެޕްޝަނުގައި ވެއެވެ.
އޭނާ ބުނީ މި ވަގުތު ހާލު ރަނގަޅު ކަމަށާއި ޖެހިފައި ވަނީ "މައިލްޑް" ކޮވިޑް19 ކަމުގައެވެ. ނަމަވެސް އެއްވެސް މީހަކު އެ ރިސްކު ނުނެގުމަށާއި ފަސޭހަކޮށް ނުލުމަށް އެދޭ ކަމަށެވެ.
"މިއީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް. ވަރަށް ބިރުބޮޑު، ހާއްސަކޮށް ވީކް މީހުނަށް. ގިނަ ބަޔަކު މަރުވެއްޖެ، ގިނަ ބަޔަކު މަރާ ހަނގުރާމަ އެބަކުރޭ. މި ބަލި ކިހާ ބޮޑަށް ފެތުރޭނެ ކަމެއް ނޭނގެ. އެހެންވީމަ ފަރުދީ ޒިންމާގެ ވެކްސިން ޖަހަންވީ ވަގުތު ޖެހިއްޖެ. ވަރަށް ލޯވިބޭ" އިޓްޒިޔާރު ގެ ޕޯސްޓުގައި އިތުރަށް ލިޔެފައި ވެއެވެ.
45 އަހަރުގެ އިޓްޒިޔާރު ބުނީ އޭނާ 15 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަމުން އަންނަ ކަމަށާއި، އެއަށްފަހު ދެން އިތުރަށް ކުރަން ޖެހޭ ކަންކަން އެނގޭނެ ކަމަށެވެ.
މިމަހު ހައެއްގައި މަނީ ހައިސްޓް ސީޒަން ހަތަރެއްގެ ޓްރެއިލާ ރިލީސްކޮށްފައިވާއިރު އޭޕްރިލް ތިނެއްގައި ނެޓްފްލިކްސްއިން ސީރީޒް ރިލީސްކުރާ ގޮތަށް ކުރިން އޮތީ ހަމަޖައްސާފައެވެ.
ސްޕެއިންގައި އިއްޔެއާ ހަމައަށް 11178 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު 491 މީހުން ވަނީ މަރުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ ހާމަކޮށްފައެވެ. ޔޫރަޕުގައި އިޓަލީ ނަގާފައި ކޮވިޑް19 އެންމެބޮޑަށް ފެތުރިފައިވާ ގައުމަކީ ސްޕެއިނެވެ.