ކޮވިޑް 19

ރަޝިއާގައި ދިވެހި ތިން ދަރިވަރަކު ކަރަންޓީނު ކޮށްފި

އައިދާ އަބްދުލް ހަކީމް

ރަޝިއާގައި ދިވެހި ތިން ދަރިވަރަކު ކަރަންޓީނު ކޮށްފި އެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ހަމަ ޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ ރާއްޖެއިން ފުރައިގެން ރަޝިއާއަށް ކިޔަވަން ދިޔަ ތިން ދިވެހި ކުއްޖެއްގެ ގައިން ކޮވިޑް19ގެ އަލާމާތްތަކެއް ހުރުމުން ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ އެ ތިން ދަރިވަރުން ކަރަންޓީން ކުރަން ނިންމާފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އެކުދިންގެ ހާލު ރަނގަޅުކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

"ރަޝިއާއަށް ދިވެހި ތިން ކިޔަވާ ކުދިން ރާއްޖެއިން ދަތުރުކޮށްފައިވޭ. މިކުދިންގެ ގައިން ބަލީގެ އަލާމަތް ހުންނަ ކަމަށް ރަޝިއާގެ ކަމާއި ގުޅޭ ފަރާތްތަކަށް ފެންނާތީވެ އިތުރު ފަސް ދުވަހަށް ކަރަންޓީން ކުރުމަށް ވަނީ ނިންމާފައި" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިތުރުން ޖަރުމަނުގެ އެމްބަސީން އެ ތިން ދިވެހި ދަރިވަރުންގެ ހާލު ބަލަމުން އަންނަ ކަމަށެވެ.