އިބްރާހިމް ޒަކީ
ކުރެއްދޫ ރިޒޯޓުގައި ހުރުމަށް ފަހު، އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ ފުރަން ގޮސް ހުއްޓާ އެއާޕޯޓު ޗެކިން ކައުންޓަރު ކައިރިޔަށް ވެސް ދެފަހަރު ވެއްޓުނު ކަމަށް ފުލުހުން ބުނެފި އެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ އިޓަލީ މީހާ ކުރެއްްދޫ ރިސޯޓުން ފުރުވައިލި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާ ބެހޭ މައުލޫމާތު ދެއްވަމުން އެސްސިޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ، އެ ފަތުރުވެރިޔާ އެއާޕޯޓް ކައުންޓަރު ކައިރީގައި ހުއްޓާ ވެއްޓުނީ މިމަހު އެއްވަން ދުވަހު އޭނާ އިޓަލީއަށް ފުރަން ގޮސް ހުއްޓާ ކަމަށެވެ.
ކައުންޓަރު ކައިރީގައި ހުއްޓާ އެމީހާ ފުރަތަމަ ވެއްޓުމުން އެތާ ތިބި މީހުން އޭނާ ނެގި ކަމަށާއި، ނަަމަވެސް ދެވަނަ ފަހަރަށް ވެސް އެމީހާ އަނަބުރައިގަނެގެން ވެއްޓުނު ކަމަށް ރިޔާޒު ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ، ދެވަނަ ފަހަރަށް އަނބުރައިގަނެގެން ވެއްޓުމުން އޭނާ ފްލައިޓަށް އެރުވީ ވީލްޗެއާއަށް ލައިގެން ކަމަށެވެ.
ނަމަވެސް އެމީހާ ރިސޯޓުގައާއި އެއާޕޯޓްގައި ދެފަހަރަށް އަނބުރައިގަތް ކަމުގެ މައުލުމާތު ބޯޓް ކެޕްޓަނަށް ލިބުމުން އިތުރު މައްސަލަތަކެއް ދިމާވެދާނެތީ އެ ބޯޓުގައި އޭނާ ގެންދަން ކެޕްޓަން އިއުތިރާޒު ކޮށްފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ އެ މައްސަލައިގައި އެ ފަތުރުވެރިޔާ ބޯޓުން ބޭލުމުން ޕޯޓް ހެލްތަށް ގެންގޮސް އެތަނުގެ ޑޮކްޓަރުންވެސް އޭނާ ބެލި ކަމަށެވެ. ނަމަވެސް އޭނާގެ ކިބައިން ހުމުގެ އަސަރެއް އަދި ކޮވިޑް 19 އަށް ޝައްކު ކުރެވޭ ކަމެއް ވެސް އެމީހުނަށް ފާހަގަ ވެފައި ނުވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެ ފަތުރުވެރިޔާ އިޓަލީއަށް ފޮނުވައިލީ އެއާޕޯޓުން އޭނާއާ ހަވާލުވި މީހުން އޭނާ މާލެ ގެނެސް މާގިރި ހޮޓަލުގައި ބެހެއްޓުމަށް ފަހު ކަމަށެވެ.