އިބްރާހިމް ޒަކީ
ކުރެއްދޫ ރިސޯޓުން ދިޔަ ފަހުން ކޮވިޑް 19 ޖެހުނުކަން އެނގުނު މީހާ އެ ރިސޯޓުގެ ރެސްޓޯރެންޓު ތެރެޔަށް ވެސް ވެއްޓުނު ކަމަށް ފުލުހުން ބުނެފި އެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ އިޓަލީ މީހާ ކުރެއްްދޫ ރިސޯޓުން ފުރުވައިލި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގު މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބާ ބެހޭ މައުލޫމާތު ދެއްވަމުން އެސިސިޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ، އެ ފަތުރުވެރިޔާ ބަލިވެގެން ފުރަތަމަ ޑޮކްޓަރަށް ދެއްކީ ފެބްރުއަރީ 26 ވަަނަ ދުވަހު ހެނދުނު ކަމަށެވެ.
އެމީހާއަކީ ކުރިންވެސް ބައްޔަކަށް ބޭހެއް ކަމުން އައި މީހެއް ކަމަށްވާތީ އޭނާގެ ބޭސް ކުރިޔަށް ގެންދަން ކުރެއްދޫ ޑޮކްޓަރު ލަފާދިން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، އެއަށްފަހު އެދުވަހު މެންދު އެ ފަތުރުވެރިޔާ އެ ރިސޯޓްގެ ރެސްޓޯރެންޓް ތެރޭގައި ހުއްޓާ އަނބުރައިގަނެގެން ވެއްޓުނު ކަމަށެވެ. އެއަށްފަހު އޭނާ ޑޮކްޓަރަށް ގެންދިއުމުން އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ އޭގެ ފަހުން ރިސޯޓުން އެ ފަތުރުވެރިޔާއަށް ހިދުމަތްދީފައި ވަނީ ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހެއް ކަމަށް ދެކި އޭނާ ބޭރަށް ނިކުންނަށް ނުޖެހޭ ގޮތަށް ކޮޓަރީގައި ބަހައްޓައިގެން ކަމަށެވެ. އަދި މާޗް އެކެއްގައި އެ ފަތުރުވެރިޔާ އިޓަލީއަށް ފޮނުވާލަން އެއާޕޯޓަށް ގެންދިޔައީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކ އިރު ހާލު ރަނގަޅު ކަމަށް ދެކިގެން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.