އިބްރާހިމް ޒަކީ
ކުރެއްދޫ ރިސޯޓުން ފުރައިގެން އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް 19 ޖެހުނު އިޓަލީ މީހާގެ މައްސަލައިގައި، އޭނާ ބަލިވެގެން ތަކުރާރުކޮށް ރިސޯޓު ޑޮކްޓަރަށް ދެއްކި ނަމަވެސް، ރިސޯޓުން ގުޅާފައި އެމީހާގެ ކިބައިން ކޮވިޑް 19 އަށް ޝައްކު ކުރެވޭ ފަދަ އަލާމާތެއް ހުރިކަން އެޗްޕީއޭ އަށް އަންގާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮވިޑް 19 އަށް ޕޮޒިޓިން ވެފައިވާ އިޓަލީ މީހާ ކުރެއްްދޫ ރިސޯޓުން ފުރުވައިލި މައްސަލައިގެ ތަހުގީގާބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އެސްސިޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ އިޓަލީ ފަތުރުވެރިޔާއަށް ކޮވިޑް 19 ޖެހިފައިވާ ކަމުގެ އަލާމާތްތައް ފެނުމާއި ގުޅިގެން އެޗްޕިއޭއަށް އެކަން އެންގުމާ ބެހޭގޮތުން އެފަތުވެރިޔާ ބެލި، ރިސޯޓްގެ ޑޮކްޓަރާއި ރިސޯޓްގެ މެނޭޖްމެންޓާ ދެފަހަރެއްގެ މަތިން މަޝްވަރާ ކުރި ކަމަށެވެ.
އޭގެ ތެރެއިން ފަހު ފަހަރު މަޝްވަރާ ކުރުމަށްފަހު އެޗްޕީއޭގެ ހޮޓަލައިނަށް ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ގުޅި ކަމަަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ފަތުރުވެރިޔާ ކޮވިޑް 19 އަށް ޝައްކުވާ ކަމަށް އެއްވެސް ވާހަކައެއް ޑޮކްޓަރު ދައްކާފައި ނުވާ ކަމަށާއި، ޑޮކްޓަރު އޮޅުން ފިލުވި އެހެން ކަންތައްތަކެއް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، އެޗްޕީއޭގެ ހޮޓްލައިނާ ގުޅައިގެން ޑޮކްޓަރު ސުވާލު ކުރީ ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އަމަލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ އާއި، ހާއްސަ އުސޫލަކުން ބަލަން ޖެހޭ ގައުމުތަކުގެ ލިސްޓަށް އައި ބަދަލާ ބެހޭ ގޮތުން ކަމަށެވެ.
"ތަހުގީގަށް މިހާތަނަށް ހޯދުނު ހޯދުންތަކުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ހޮޓްލައިނަށް ގުޅައިގެން ޑޮކްޓަރު ދެއްކި ވާހަކައިގެ ތެރޭގައި މިހާތަނަށް ބެލި ބެލުމުން އިޓަލީގެ ފަތުރުވެރިޔަކަށް ކޮވިޑް 19 އަށް ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް އެރިސޯޓުގައި އެވަގުތު ދިމާވެގެން އެކަމަށް ފަރުވާ ކުރަމުންދާކަމެއް ނުވަތަ އެފަދަ ޝަކުވާތަކެއް ކުރުމާބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނެތް،" އެ ފޯންކޯލް ރެކޯޑިންގައިވާ މައުލޫމާތުތަކަށް ބިނާކޮށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ތަހުގީގުން ދައްކަނީ އެ ރިސޯޓުން އެ ފަތުރުވެރިޔާއަށް ހިދުމަތް ދީފައިވަނީ ކޮވިޑް 19 އަށް އޭނާ ޝައްކު ކުރެވޭ ކަމަށް އެމީހުންނަށް އެނގި ތިބެ ކަމަށެވެ. އަދި އިޓަލީގެ އެ ފަތުރުވެރިޔާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ އޭނާ އިޓަލީއަށް ދިއުމުންވެސް އެ ރިސޯޓުންނާއި ރިސޯޓުގެ ޑޮކްޓަރު އެ ފަތުރުވެރިޔާއާ ގުޅައިގެން އެކަން އޮޅުންފިލުވުމަށް ދެއްކި ވާހަކައިން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.