އިބްރާހިމް ޒަކީ
ކުރެއްދޫ ރިސޯޓުން ފުރައިގެން ދިޔަ ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހާގެ މައްސަލައިގައި، އެ ރިސޯޓާއި ރިސޯޓު ހިންގާ ކުންފުނީގެ އިހުމާލު އޮތްތޯ ވަކީން ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ އިޓަލީ މީހާ ކުރެއްްދޫ ރިސޯޓުން ފުރުވައިލި މައްސަލައާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގު މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބާ ބެހޭ މައުލޫމާތު ދެއްވަމުން އެސްސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅުންނާއި މުވައްޒުފުންނާ ސުވާލު ކޮށް ތަހުގީގު ގެންދިއުމުގެ އިތުރުން އެކަމުގައި ރިސޯޓް ހިންގާ ކުންފުނީގެ އިހުމާލެއް ވޭތޯ ވަކި ތަހުގީގެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ތަހުގީގުގައި ކަމާގުޅޭ ފަރާތްތަކާ ސުވާލު ކުރަން ޖެހިއްޖެ ނަމަ ކޮންމެ ފަރާތަކާވެސް ސުވާލު ކުރެވޭނެ ކަމަށާއި، އެއީ މެނޭޖްމަންޓް ލެވެލްގެ ބޭފުޅެއް ނުވަތަ ކުންފުނީގެ ވެރިޔެއް ވިޔަސް ސުވާލު ކުރެވޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވި ކޮވިޑް 19އާއި ގުޅިގެން، ފުލުހުންގެ ތަހުގީގަށް ވެސް ގޮންޖެހުން ތަކެއް ކުރިމަތިވާ ކަމަށެވެ.
އެގޮތުން މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމް ރިސޯޓަށް ގޮސްފައި ވަނިކޮށް ކޮވިޑް 19އަށް ޝައްކު ކުރެވޭ މީހަކު ރިސޯޓުން ފެނުމާ ގުޅިގެން މުޅި ތަހުގީގު ޓީމް ގޭގައި އައިސޮލޭޓް ކުރަން ޖެހުނު ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިހާރުވެސް އެ ތަހުގީގުގައި ފުލުހުން ސުވާލު ކުރަން ޖެހޭ ބައެއް ފަރާތްތައް ކޮވިޑް 19އަށް ޕޮޒިޓިވް ވެގެން އެކަހެރި ކުރެވިފައިވާ ކަމަށާއި އަނެއްބައި ފަރާތްތައް އެ ބައްޔައް ޝައްކު ވެގެން އައިސޮލޭޓް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިހާރު ތަހުގީގުތަކަށް ބަޔާންތައް ނަގަނީ ގުޅައިގެން ކަަމަށާއި ނަމަވެސް ފޭސްޓު ފޭސްކޮށް ބަޔާންތައް ނެގުމުން މައްސަލަ އިތުރަށް ސާފުވެގެން ދާމެ ކަމަށްވެސް ވިދާޅުވިއެވެ.