އިބްރާހިމް ޒަކީ
ކުރެއްދޫ ރިޒޯޓުގައި ހުރުމަށް ފަހު، އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ ރިސޯޓުގައި ހުރި އިރު ވެސް އޭނާގެ ހަށިގަނޑުން ފެންނަމުން ދިޔައީ ކޮވިޑް19ގެ އަލާމާތްތައްކަން އެ ރިސޯޓުގެ ކަމާ ބެހޭ ފަރާތްތަކަށް އެނގޭ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ އިޓަލީ މީހާ ކުރެއްްދޫ ރިސޯޓުން ފުރުވައިލި މައްސަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާ ބެހޭ މައުލޫމާތު ދެއްވަމުން ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އެސްސިޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގީ މާޗް މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި އިޓަލީ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ އަދި އޭނާ ބަލިވެގެން ފުރަތަމަ ޑޮކަޓަރަށް ދެއްކީ ފެބްރުއަރީ 26 ވަަނަ ދުވަހު ހެނދުނު ހުން އައިސްގެންނެވެ. އޭނާއަކީ ސިއްހީ އެހެން މައްސަލައަކަށް ކުރިންވެސް ބައްޔަކަށް ބޭނުންވާ ބޭސް ގަޑިން ގަޑިޔަށް ބޭނުން ކުރަމުން އައި މީހެއް ކަމުން އެ ބޭސް ކުރިއަށް ގެންދަން ޑޮކްޓަރު ލަފާ ދެއްވިއެވެ. ނަމަވެސް އެދުވަހު މެންދު ރިސޯޓްގެ ރެސްޓޯރެންޓުގެ ތެރޭގައި ހުއްޓާ އަނބުރައިގަނެގެން ވެއްޓުމުން ރިސޯޓްގައި އެޑްމިޓްކޮށް އޭނާއަށް ފަރުވާދިން ކަމަށެވެ.
އޭގެފަހުން ފެބްރުއަރީ 27ގައި ވެސް ފަތުރުވެރިޔާ ޑޮކްޓަރަށް ދެއްކި ކަމަށާއި، އެ ދުވަހު އޭނާ ޑޮކްޓަރަށް ދެއްކީ ކަރުތެރެއަށް އުނދަގޫވާތީ ކަމަށާއި ނަމަވެސް އެދުވަހު އޭނާގެ ގައިގައި ހުން ނެތް ކަަމަށް ފާހަގަކުރެވިފައިވާ ކަމަށް، ރިޔާޒް ވިދާޅުވިއެވެ. ނަމަވެސް އެދުވަހު އޭނާގެ ކިބައިން ފެނުނު އަލާމާތްތަކަކީ ކޮވިޑް 19 އަށް ޝައްކު ކުރެވޭ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވިގެން ކޮވިޓް 19 ހުރިތޯ ޔަގީންކުރަން ރިސޯޓުގެ ޑޮކްޓަރު އިރުޝާދު ދިންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، ޑޮކްޓަރުގެ އިރުޝާދާ ގުޅިގެން ފަތުރުވެރިޔާ ޓެސްޓް ހަދަން އިންކާރުކުރިކަން ފާހަގަ ވެފައިވާ ކަމަށާއި، އެހެންކަމުން ބޭސްދިނުމަށްފަހު ބެޑްރެސްޓްކުރުމަށް ފަތުރުވެރިޔާއަށް ޑޮކްޓަރު ލަފާ ދިންކަމަށެވެ.
ރިޔާޒު ވިދާޅުވީ އޭގެ ފަހުން ފަތުރުވެރިޔާގެ މައްސަލަ އެޗްޕީއޭއަށް ރިޕޯޓްކުރުމާއި ގުޅޭ ގޮތުން ޑޮކްޓަރާއި ރިސޯޓްގެ މެނޭޖްމަންޓުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަަވެސް އެގޮތަށް ބަލިވެގެން އެހެން ބައެއް ފަތުރުވެރިންވެސް ޑޮކްޓަރަށް ދައްކާފައިވާތީ ވަކި ފަތުރުވެރިއެއްގެ މައްސަލަ އެޗްޕީއޭއަށް ހުށަނޭޅުމަށް ރިސޯޓުން ނިންމިކަން ތަހުގީހަށް އެނގިފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. ނަމަވެސް އޭގެފަހުން އިތުރަށް މަޝްވަރާކުރުމަށްފަހު ރިސޯޓުގެ ޑޮކްޓަރު އެޗްޕީއޭގެ ހޮޓްލައިނަށް ގުޅި ކަމަށާއި ނަމަވެސް ކޮވިޑް 19 އަށް ފަތުރުވެރިޔާ ޝައްކު ކުރެވިފައިވާ އެއްވެސް ވާހަކައެއް ޑޮކްޓަރު ދައްކާފައިނުވާ ކަމަށާއި، ރިސޯޓުގެ ޑޮކްޓަރު އޮޅުންފިލުވާފައިވަނީ ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އަމަލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯއާއި، ހާއްސަ އުސޫލަކުން ބަލަން ޖެހޭ ގައުމުތަކުގެ ލިސްޓަށް އައި ބަދަލާ ބެހޭ ގޮތުން ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ އެކޯލްގެ ރެކޯޑިން ތަހުގީގަށް ލިބިފަިއވާ ކަމަށެވެ. އެއަށްފަހު ރިސޯޓުން ފަތުރުވެރިޔާއަށް ހިދުމަތް ދީފައިވަނީ ކޮޓަރިން ބޭރަށް ނިކުތަނުދީ ކޮޓަރީގައި އެކަހެރިކޮށް ބަހައްޓައިގެން ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، އެ ފަތުރުވެރިޔާ އެ މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވަހު ވެސް ޑޮކްޓަރަށް ދެއްކި ކަމަށާއި ނަމަވެސް ހާލު ރަނަގަޅު ކަމަށް ބަލައި މާޗް މަހުގެ އެއްވަން ދުވަހު އޭނާ ފުރުވާލުމަށް އެއާޕޯޓަށް ގެންދިޔަ ކަމަށެވެ.
އެދުވަހު އެއާޕޯޓްތެރެއަށްވެސް އެ ފަތުރުވެރިޔާ ދެފަހަރު އަނބުރައިގަނެގެން ވެއްޓުނު ކަމަށާއި، ފުރަން ބޯޓަށް އެރުމުން އޭނާގެ ހާލަތަށް ބަަލައި ކެޕްޓަންގެ އެންގުމަށް ބޯޓުން ބާލައި ޕޯޓްހެލްތުގައި އޭނާއަށް ފަރުވާ ދިން ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ އެއަށްފަހު އޭނާ ފޮނުވައިލީ ދެ ދުވަސް ވަންދެން މާގިރި ހޮޓަލުގައި ބަހައްޓާފައި ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ ޑޮކްޓަރު މިހާރު ހުރީ ކަރަންޓީނުގައެވެ.
ރިޔާޒު ވިދާޅުވީ ތަހުގީގު ކުރިޔަށް ގެންދިއުމުގައި މި ވަގުތު ހުރަސްތަކެއް ވެސް އެބަ ހުރި ކަމަށެވެ.