ކުއްލި ޚަބަރު

ރަށްރަށުގައި މީހުން އެއްވެ އުޅޭ ނަމަ ގެޔަށް ދާން އަންގާނަން: ފުލުހުން

ރަށްރަށުގައި މީހުން އެއްވެ އުޅޭ ނަމަ ގެޔަށް ދާން މި ދުވަސްވަރު އަންގަމުން ދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ފައިރޫޝް ވިދާޅުވީ، މި ދަނޑިވަޅުގައި އެޗްޕީއޭއިން ނެރެމުން އަންނަ އަމުރުތައް ތަންފީޒު ކުރުމަށާއި، އެކަމާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް މާލޭ ސަރަހައްދުގަ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދާ ކަމަށެވެ.

ފައިރޫޝް ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން މާލެއާއި ރަށްރަށުގައި ހޭލުންތެރި ކުރުމަށް ހިންގާ މަސައްކަތްތަކުގެ ދަށުން އެއްވެ ނޫޅުމަށާއި ކޮންމެހެން ޒަރޫރީ ކަމެއްގައި ނޫން ގޮތަކަށް ބޭރަށް ނުނިކުތުމާއި މަގުމަތީގައި ނޫޅުމަށް ނަސޭހަތް ދެމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ތަންތަނަށް އެއްވެ އުޅޭ މީހުންނާއި މައިދާންތަކާއި ޖޯލިފަތިތަކަށް ނިކުންނަ މީހުން ގިނަވެއްޖެނަމަ އެފަރާތްތަކަށް ނަސޭހަތްދީ ފޮނުވާލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ އެކަމަށް ޓަކައި ރަށްރަށުގައި ފުލުން އިތުރުކޮށް ޑިއުޓީތަކަށްވެސް ބަދަލު ގެނަސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނެޝަނަލް ޑިޒާސްޓާ މެނެޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެޗްޕިއޭ އާއި ފުލުހުންގެ އިތުރުން، ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކި އެކި މަސައްކަތްތައް ކުރިއަށް ގެންދާ ހުރިހާ ފަރާތްތައް އެއްބާރުލުންދިނުމަށާއި ބޭކާރު ގޮތުގައި ގެއިން ބޭރަށް ނިކުމެ ނޫޅުމަށާއި މަގުތަކުގައި މަޑު ނުކުރުމާއި މީހުން ގިނަ ތަންތަނަށް ނުގޮސް ގޭގައި މަޑު ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.