ކޮވިޑް 19

ކަރަންޓީނު ވުމަށާއި އެކަހެރިވުމަށް އެންގުމުން ހިލާފުވާ ފަރާތްތައް 5000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމައިފި

އަލީ ޔާމިން

1

ކޮވިޑް 19 އާ ގުޅިގެން، ކަރަންޓީނު ވުމަށާއި އެކަަހެރިވުމަށް އަންގާ އެންގުން ތަކާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރަައްކާތެރިކުރުމުގެ ގާނޫނު)ގެ 12 ވަނަ މާއްދާގެ (ނ)ގެ ހަތަރު ވަނަ ނަންބަރުގެ ދަށުން ކަރަންޓީން ކުރުމަށް ނުވަތަ އެފަދަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު އެ މާއްދާގެ (ނ)ގެ ފަސްވަނަ ނަންބަރުގެ ދަށުން އެކަހެރިކުރުމަށް އަންގަނީ، އެ ބަލި އިތުރަށް ފެތުރުން ހުއްޓުވައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެހެންކަމުން އެފަދަ އެންގުމަކާ ހިލާފުވުމަކީ އާންމު ސިއްހަތަށް ނުރައްކާވާ ހާލަތަކަށް މުޖުތަމައުގެ އެހެން ފަރާތްތައް ހުށަހެޅިގެންދާނެ ކަމެއް ކަމުގައިވާތީ، އެއިން އެންގުމަކާ ހިލާފުވާ ކޮންމެ ފަރާތެއް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގެ ދަށުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ކަރަންޓީނުވުމަށާއި އެކަހެރިވުމަށް އެންގުމުން ހިލާފުވާ ފަރާތްތަކުގެ ނަން އާންމުކޮށް ހާމަކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ވަނީ މިހާތަނަށް މަނާކޮށްފައި ނުވާ ގައުމުތަކުން ރާއްޖެއަށް އަންނަ ހުރިހާ ދިވެހީން 14 ދުވަހަށް ގޭގައި އެކަހެރިކުރަން އަންގައިފައެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟