ކޮވިޑް 19

މިހާތަނަށް މަނާކޮށްފައިނުވާ ގައުމުތަކުން ރާއްޖެއަށް އަންނަ ހުރިހާ ދިވެހީން 14 ދުވަހަށް ގޭގައި އެކަހެރިކުރަން އަންގައިފި

އަލީ ޔާމިން

މިހާތަނަށް ރާއްޖެއަށް މީހުން އައުން މަނާކޮށްފައި ނުވާ ގައުމުތަކުން ރާއްޖެ އަށް އަންނަ ދިވެހީން 14 ދުވަހަށް ގޭގައި އެކަހެރި ކުރުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު އަންގަވައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ 18 މާޗު ދުވަހުގެ ދަންވަރު 00:00 އިން ފެށިގެން ކޮވިޑް 19އާ ގުޅިގެން މިހާތަނަށް ދިވެހިރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުން ނުވަތަ ސަރަހައްދުތައް ފިޔަވައި އެހެން ގައުމުތަކުން އަންނަ ދިވެހީން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށް ގޭގައި އެކަހެރިކުރާނެ ކަމަށެވެ.

ރާއްޖެއަށް މީހުން އައުން އެންމެ ފުރަތަމަ މަނާކުރީ ކޮވިޑް 19 ފެނުނު ޗައިނާ އިންނެވެ. އެއަށްފަހު އިރާނާއި ކޮރެއާގެ ދެ ސަރައްހަދަކާއި އިޓަލީ އާއި ސްޕެއިނުންވެސް މީހުން އައުން މަނާކުރިއެވެ. އަދި އޭގެ ފަހުން ޖަރުމަން އަދި ފްރާންސްގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުން އިއްޔެ ވަނީ މެލޭޝިއާ އާއި އިނގެރޭސިވިލާތުން ވެސް މީހުން އައުން މަނާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައެވެ.