ބަންގްލަދޭޝުން ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރީ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ބަލި ފެތުރިދާނެތީ ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު މިހެން ވިދާޅުވެފައިވަނީ އިންޑިއާއަށް ވުރެ މަދު ބަޔަކު ބަންގްލަދޭޝުން ކޮވިޑް 19 އަށް ޕޮސިޓިވްވި ނަމަވެސް ރާއްޖެއަށް އެގައުމުން މީހުން އެތެރެވުން މަނާކުރުމާއި ގުޅިގެން ނޫސްވެރީން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
މަބުރޫކް ވިދާޅުވީ ރާއްޖޭގައި ބަންގްލަދޭޝް މީހުންގެ ހާލަތަކީ އިންޑިއާއަށް ވުރެ ތަފާތު ހާލަތެއް ކަމަށާއި ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރާކަން މަބުރޫކު ފާހަގަ ކުރެއްވިއެވެ. އަދި އެގައުމުން ރާއްޖެއަށް އިތުރު މަސައްކަތްތެރިން ގެނައުން ހުއްޓާލާފައި ވީނަމަވެސް، ބަންގްލަދޭޝަށް ޗުއްޓީއަށް ގޮސްފައިވާ ރާއްޖޭގެ ކުންފުނިތަކުގައި މަސައްކަތް ކުރާމީހުން ތިބި ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އެ މީހުން އަނބުރާ އައުމަށް މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
ޑޮކްޓަރުންގެ ލަފާދޭ ކޮމިޓީއާއި ހަވާލާދީ މަބުރޫކު ވިދާޅުވީ ދިވެއްސަކު ބަންގްލަދޭޝުން ރާއްޖެ އައިސްފި ނަމަ ގެޔަށް ގޮސް 14 ދުވަހުގެ ކަރަންޓީނުގައި މަޑުކުރާ ގޮތަށް ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުމަކީ ބަންގްލަދޭޝުން ރާއްޖެއަށް އަންނަ މަސައްކަތްތެރިން ރާއްޖެ އައުމަށްފަހު ހުންނަ ލޭބާ ކުއާޓާ ތެރެއިން ބަލި ފެތުރިދާނެ ކަމުގެ ބިރަށް ޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި އެމީހުން ރާއްޖެ ގެނެވޭނީ އެމީހުން ރަނގަޅަށް ސްކްރީންކޮށް ކަރަންޓީނު ކުރެވޭ އިންތިޒާމެއްގެ ދަށުން ކަމަށް ވެސް މަބުރޫކު ވިދާޅުވިއެވެ