ކުއްލި ޚަބަރު

ކޮވިޑް 19 : ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތް ބަލިމީހާގެ ހާލު މިހާރު ރަނގަޅު

މަރިޔަމް ޝަހުދާ

ކޮވިޑް 19އަށް ޕޮސިޓިވް ވުމުގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހުންގެ ތެރެއިން މީގެ ކުރިން ހާލަތު ސީރިއަސް ކަމަށް ބުނެފައިވާ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ޑރ. މުރާދު މިހެން ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ދަރުވަމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11ގައި ފަރުވާދެމުން އަންނަ އުމުރުން 70 އަހަރުގެ ފިރިހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މިދިޔަ ހޯމަ ދުވަހު ވެސް އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސައިން ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ އެމީހާއަށް ފަރުވާ ދިނުމުގެ ގޮތުން ކުރިން އޮތީ އޮކްސިޖަން ގުޅާފައި ކަމަށެވެ. މިހާރު އޭނާގެ ހާލު ރަނގަޅު ވުމުގެ ސަބަބުން އޮކްސިޖަން ދިނުން ހުއްޓާލާފައިވާކަން ޑރ. މުރާދު ފާހަގަ ކުރެއްވިއެވެ.

އެ މީހާގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހާގެ ހާލަތު ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. ކޮވިޑް 19އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ފަރުކޮޅުފުށީގައި ފަރުވާ ދެމުން އަންނަ މީހުންވެސް ރަނގަޅު ވަމުން އަންނަ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ 13 މީހެއް ފެނިފައިވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.