ކުއްލި ޚަބަރު

ކޮވިޑް 19 : ބައްޔަށް ޝައްކު ކުރެވޭ އިތުރު ތިން ދިވެއްސަކު ޓެސްޓުކުރުމަށް ސާމްޕަލް ނަގައިފި

މަރިޔަމް ޝަހުދާ

ކޮވިޑް 19އަށް ޝައްކު ކުރެވޭ އިތުރު ތިން ދިވެއްސަކު ޓެސްޓުކުރުމަށް ސާމްޕަލް ނަގައިފި ކަމަށް ކޮވިޑް19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވަނީ އައްޑޫގައި ތިބި ދެ ދިވެހިން އަދި ތ. ގުރައިދޫގައި ހުރި ދިވެއްސެއްގެ ހަށިގަނޑުން ކަމަށެވެ.

މީގެ ތެރެއިން އައްޑޫސިޓީގެ މަރަދޫން ދެ މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އެތަނުން އެކަކަކީ މެލޭޝިއާއިން ރާއްޖެ އައި މީހެއް ކަމަށާއި އަނެއް މީހާ އަކީ އިންޑިއާއިން ރާއްޖެއައި މީހެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި މަރަދޫން ދެން ސާމްޕަލް ނެގި މީހާއާއި ގުރައިދޫން ސާމްޕަލް ނެގި މީހާއަކީ އިންޑިއާއިން ރާއްޖެއަށް ދަތުރު ކުރި ދެމީހުން ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި މީހުންގެ ތެރެއިން މެލޭޝިއާ އިން ރާއްޖެއަށް އައި މީހާ އަކީ މެލޭޝިއާއިން ރާއްޖެއަށް މީހުން އައުން މަނާ ކުރުމުގެ ކުރިން ރާއްޖެ އައިސްފައިވާ މީހެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކުރިއަށް ވުރެ ގިނައިން މިދުވަސްކޮޅު މި ބައްޔަށް މީހުން ޓެސްޓު ކުރާނެ ކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ރާއްޖެއަށް މީހުން ދަތުރު ކުރުމުގައާއި އެކި ކަންކަމަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އަދި މި ދުވަސްކޮޅު މިބަލީގެ އަލާމާތް ހުންނަ އެއްވެސް މީހަކު ހުރިނަ، އެމީހަކީ ރޯގާގެ އަލާމާތް ނެތް މީހެއް ނަމަވެސް އެމީހާގެ ޓްރެވަލް ހިސްޓްރީއަށް ބެލުމަށްފަހު އެމީހާގެ ސާމްޕަލް ނަގައި ޓެސްޓު ކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި މިއީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް ޕޮސިޓިވްވެފައި ވަނީ 13 މީހުންނެވެ. މި 13 މީހުންނަކީ ވެސް ބިދޭސީންނެވެ.