ކޮވިޑް 19

މިހާލަތުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް ސަރުކާރުން ނިންމި ނިންމުން ރަނގަޅު: ފަތުވާ މަޖިލިސް

މަރިޔަމް ޝަހުދާ

ޖަމާއަތުގައި ނަމާދު ނުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

ފަތުވާ މަޖިލީހުން މިހެން ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ޕެނަލް މަޝްވަރާގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝެއިހް އަހުމަދު ސަމީރު ވިދާޅުވީ މިއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. އަދި ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ މިފަދަ ހާލަތެއްގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ކުރުމުގެ ބަދަލުގައި ވަކިން ގޭގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމް ދީނުގައި ވާ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާގެ ދިރިއުޅުއްވުމުން ސަމީރު މިސާލު ނެންގެވިއެވެ.

އެގޮތުން އެމަނިކުފާނު އާލާސްކަންފުޅައިގެން އުޅުއްވާއިރު މީހުން ގިނަ ތަންތަނަށް ވަޑައިނުގަންނަވާ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި މިފަދަ ހާލަތެއްގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ބަދަލުގައި ގޭގައި ނަމާދު ކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮތް ކަމެއްކަން ސަމީރު ފާހަގަ ކުރެއްވިއެވެ. އަދި އިސްލާމީ ޝަރީއަތުގައި އޮތް ކަމަކަށް ގައުމުގެ ވަލީއުލް އަމީރު އަމުރުކޮށްފި ނަމަ އެކަމަކަށް އިޖާބަ ދޭން ޖެހޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރަސޫލާގެ ޒަމާނުގައި ތަާއޫން ބަލި ފެތުރެމުން ދިޔައިރު އަމަލު ކުރި ގޮތުން ސަމީރު މިސާލު ނެންގެވިއެވެ. ގައިން ގަޔަށް އަރާ މި ފަދަ ބަލިތައް ފެތުރުނަ ނުދިނުމުގެ ގޮތުން ކީރިތި ރަސޫލާ މީހުން ތަންތަނަށް ޖަމާވުން މަނާ ކުރެއްވި ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ޔޫއެއީންވެސް ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަން ފާހަގަކުރައްވައި ރާއްޖެއިން އަމަލު ކުރަނީ ބޭރު ގައުމުތަކުން އަމަލު ކުރާގޮތަށް ބެލުމަށް ފަހު ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

މިސްކިތުގައި ޖަމާއަތް ގާއިމު ނުކުރެވޭނެ އެއްވެސް ހާލަތެއް އަންނާނެތޯ ސުވާލު ކުރުމުން ޝެއިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ މުޖުތަމައުގެ ރައްކާތެރިކަމަށް ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލެވޭނެ ކަމަށެވެ. އަދި މިއީ ނަމާދު ކުރުން ހުއްޓާލީ ނޫން ކަމަށާއި، ނަމަވެސް ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން ކަމަށް ފިކުރީ ވިދާޅުވިއެވެ. އެކި ހާލަތްތަކުގައި ޖަމާއަތުގެ ނަމާދު ދޫކޮށް ގޭގައި ނަމާދު ކުރުމަށް ކީރިތި ރަސޫލާވެސް އިރުޝާދު ދެއްވާފައިވާކަން މޫސާ ފިކުރީ ފާހަގަ ކުރެއްވިއެވެ.

ފިކުރީ ވިދާޅުވީ ކީރިތި ރަސޫލާގެ ޒަމާނުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ހާލަތެއް ދިމާވުމުން ބަންގި ގޮވާ އިރުވެސް ގޭގައި ނަމާދު ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ފަރުލު ނަމާދުތައް ގޭގައި ކުރުމަށް އިރުޝާދު ދެއްވާ ކަމަށް މޫސާ ފިކުރީ ވިދާޅުވިއެވެ. ދިމާވާ ހާލަތުގެ ސަބަބުން ޖަމާއަތުގައި ނަމާދު ނުކުރުމަށް ނިންމި ނިންމުމަކީ މީހަކު ދައްކައިގެން، ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫން ކަމަށާއި މިކަމަކީ ދީނުގައި އެކަމުގެ އަސްލެއް އޮތް ކަމެއް ކަމަށް މޫސާ ފިކުރީ ވިދާޅުވިއެވެ.