މިންހާ ފާއިޒް ރަޝާދު
ކޮވިޑް19ގެ ސަބަބުން މުވައްޒަފުންނަށް ދިމާވާނެ ދަތިތަކަށް އެހީވުމަށް ފޭސްބުކްގެ ހުރިހާ މުވައްޒަފުންނަށް 1000 ޑޮލަރުގެ ބޯނަހެއް ދޭން އެކުންފުނިން ނިންމައިފިއެވެ.
އެކަން އިއުލާނު ކުރެއްވީ ކުންފުނީގެ ބާނީ އަދި ޗީޕް އެކްޒެކެޓިވް މާކް ޒުކަބާގް އަންގާރަ ދުވަހު ނެރުއްވި އިންޓާނަލް ނޯޓެއްގައެވެ.
ފޭސްބުކްގެ ދުނިޔޭގެ އެކި އައުޓްލެޓްތަކުގައި 45000އާ ގާތްކުރާ ފުލްޓައިމް މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު އެއްހާސް ކޮންޓްރެކްޓް މުވައްޒަފުންވެސް ތިބެއެވެ.
މުވައްޒަފުން މިދުވަސްވަރު ކުރާ މަސައްކަތަށް ހައި ޕާފޯމަންސް ރިވިއު ރޭޓިން ނިންމާފައިވާއިރު އޭގެ ސަބަބުން އަހަރު ނިމޭއިރު އެނުއަލް ބޯނަސް ދެގުނައަށް ލިބޭނެ ކަމަށްވެސް އެނޯޓުގައި ވެއެވެ. މީގެ އިތުރުން އިގްތިސާދު އަޑިއަޅާލައިފައިވާ މި ދަނޑިވަޅުގައި ކުދި ވިޔަފާރިތަކަށް އެހީވުމަށް 100 މިލިޔަން ޑޮލަރުގެ އެހީއެއް ވުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ. ފޭސްބުކް އޮޕަރޭޓް ކުރާ 30 ގައުމުގެ ތެރެއިން މިއެހީ ދޭނީ އެންމެ ބޭނުން ޖެހިފައިވާ 30000 ކުންފުންޏަށް ކަމަށް މާކްގެ ނެރުއްވި ނޯޓުގައި ވެއެވެ.
"އަދިވެސް އިތުރަށް ކަންކަން ކުރަން ބޭނުން. ކުންފުނީގެ އެކި ޓީމުތަކުން އަންނަނީ ވިޔަފާރިތަކަށް އެހީވެވޭނެ ގޮތްތައް ކޮންމެ ދުވަހަކު ވެސް ދިރާސާ ކުރަމުން" ފޭސްބުކުގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝެރީލް ސޭންޑްބާގް ގެ ފޭސްބުކް ޕޯސްޓުގައި ވެއެވެ.
ފޭސްބުކުންވެސް ވަނީ އެހެން ޓެކް ކުންފުނިތައް ކަމުގައިވާ ގޫގުލްއާއި ޓުވިޓާއާއެކު ހުރިހާ މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް އަންގާފައެވެ. މިދިޔަ މަހު ފޭސްބުކްގެ އެނުއަލް އިވެންޓް އެފް8 އެނުއަލް ސޮފްޓްވެއާ ޑިވެލޮޕާސް ކޮންފަރެންސް ވެސް އެކުންފުނިން ފަސްކޮށްފައިވާއިރު މިމަހު ބާއްވަން އޮތް ގިނަ އިވެންޓުތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.