ކޮވިޑް 19އާއި ގުޅިގެން، މެލޭޝިއާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަން ހުޅުވާފަ ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހައިކޮމިޝަން ހުޅުވާފައި ހުންނާނީ ހެންދުނު 10:00 އިން މެންދުރު 01:00 އަށް ކަމަށެވެ. މީގެ އިތުރުން ހައިކޮމިޝަނަށް ހިދުމަތް ލިބިގަތުމަށް ދިއުމުގެ ކުރިން އެކަން ހައިކޮމިޝަނަށް އެންގުމަށް އެ ބަޔާނުގައި ވަނީ އެދިފައެވެ. އަދި ހައިކޮމިޝަނުން ދޭ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށް ވެސް އެދިފައި ވެއެވެ.
މިދިޔަ ހޯމަ ދުވަހު މެލޭޝިއާ ސަރުކާރުން ވަނީ އެގައުމު އެއްކޮށް ލޮކްޑައުން ކުރުމަށް ނިންމާފައެވެ. މެލޭޝިއާ ލޮކްޑައުން ކުރުމަށް ނިންމީ، މިއަދުން ފެށިގެން މިމަހު 31ގެ ނިޔަލަށެވެ. މެލޭޝިއާ ސަރުކާރުގެ މި ނިންމުމަކީ އެގައުމުގައި ކޮވިޑް 19ގެ ހާލަތު ސީރިއަސް ވަމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެގައުމުގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
މެލޭޝިއާއިން ފެނުނު ކޮވިޑް 19 އަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 600 އަށް އަރަން ކައިރި ވެފަ އެވެ.