ކުއްލި ޚަބަރު

ކޮވިޑް 19 : މާލޭ ސަރަހައްދާއި ރިސޯޓު ތަކުގައި ޖަމާއަތުގައި ނަމާދާއި ހުކުރު ކުރުން ހުއްޓާލައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އަށް އަަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ހުކުރު ނަމާދާއި ޖަމާއަތުގައި އެހެން ނަމާދުތައް ކުރުން ހުއްޓާލަން ނިންމައިފި އެވެ.

މިކަން އިއުލާނުކުރެއްވީ ދާދި ދެންމެ ބޭއްވެ ނޫސްވެރީންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން އަދި ނިންމާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، ސަރުކާރުން މި ފިޔަވަޅު އެޅުއްވީ ދީނީ އިލްމުވެރިންނާއި ފަތުވާ މަޖިލީހާއި މަޝްވަރާ ކުރެއްވުމަށްފަހު އެ ފަރާތްތަކުގެ ލަފާގެމަތިން ކަމަށެވެ. އަދި ކަމެއް އިތުރަށް ގޯސްވެ ރަށެއް ލޮކްޑައުންކުރާ ހާލަތަކަށް އަތުވެއްޖެއްޔާ، އެކަން އިއުލާންކުރާ ހިސާބުން ފެށިގެން އެކަމަށް ކަނޑައަޅާ މުއްދަތަކަށް އެރަށެއްގައިވެސް އެކަން އެގޮތަށް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރިއަސް ކޮންމެ ނަމާދެއްގެ ވަގުތެއްގައި ވެސް މިސްކިތްތަކުގައި ބަންގި ގޮވުން ކުރިޔަށްދާނެ ކަމަށެވެ. އަދި މިސްކިތްތައް އެއްކޮށް ބަންދު ނުކުރާނެ ކަމަށާއި، ބައެއް ގޭގޭގެ ހާލަތު ހުންނަ ގޮތުން، ނަމާދުކުރަން އުނދަގޫ ވެއްޖެ ހާލެއްގައި މިސްކިތަށް އަރައި ނަމާދު ކޮށްލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖަމާއަތުގައި ނަމާދުކުރުން ހުއްޓަވާލެއްވިއަސް ހުރިހާ އެންމެންވެސް ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ ނަމާދަށް ފަރުވާ ބަހައްޓައި ގިނަގިނައިން އިސްތިޣުފާރުކޮށް ގައުމަށް ދިމާވެފައިވާ މި ހާލަތުން ސަލާމަތްކޮށްދިނުމަށް އެދި ކީރިތިވަންތަ މާތް ﷲގެ ހަޒުރަތުގައި ގިނަގިނައިސް ދުއާ ދެންނެވުމަށް މިނުސްޓަރު ވަނީ އިލްތިމާސްކޮށް ވަސިއްޔަތް ކުރައްވައިފައެވެ.

ކޮވިޑް 19 އާގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.