އަލީ ޔާމިން
ކޮވިޑް 19 ވައިރަސް ރާއްޖެއިން ފެނި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމަށާއި އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާ ދެއްކެވުމަށް އިމިގްރޭޝަނުން އެދެފިއެވެ.
އިމިގްރޭޝަނުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އީމެލް މެދުވެރިކޮށް ހުށަހެޅޭނީ 32 އަދި 48 ސޮފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓު އަދި 32 ސޮފްހާގެ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓަށް ކަމަށެވެ.
ޕާސްޕޯޓަށް އެދޭއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓަށް އެދޭ ފޯމާއި އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓާއި ޕާސްޕޯޓު ސައިޒު ފޮޓޯއެއް ސްކޭން ކުރުމަށްފަހު ޖޭޕީއީޖީ ފޯމެޓުގައި އެޓޭޗު ކުރުމަށް އިމިގްރޭޝަނުން އެދެއެވެ. އަދި އީމެއިލް ކުރާއިރު ސަބްޖެކްޓުގައި ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރުގެ އިތުރުން ފޯނު ނަންބަރު ޖެހުން އެދޭކަމަށް ވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓު ދޫކުރާނީ އޮންލައިންކޮށް ފައިސާ ދައްކާތާ 24 ގަޑިއިރު ތެރޭގައި ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަހެއް ނަމަ ދެން އެންމެ އަވަހަށް ސަރުކާރު އޮފިސްތައް ހުޅުވޭ ދުވަހެއްގައި ކަމަށެވެ.