ހަތަރު ހަފްތާގެ މުއްދަތަކަށް ހުކުރު ނަމާދު ހިމެނޭހެން އެގައުމުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޖެނެރަލް އޮތޯރިޓީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސް (ޖީއޭއައިއޭއީ) އިން އިއުލާނުކޮށްފިއެވެ.
ޔޫއޭއީގެ އެކި ނޫސްތަކުގައިވާ ގޮތުގައި މި ނިންމުމަކީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް 19އިން އާންމުން ރައްކާތެރިކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ. އަދި އެގައުމުގެ އެހެން ދީނުގެ މީހުން ބޭނުންކުރާ ފައްޅިތަކުގައި މީހުން އެއްވެ ކުރާ އަޅުކަންތައްވެސް މި މުއްދަތުގައި ނުބޭއްވުމަށް އެގައުމުގެ ސަރުކާރުން އެދިފައިވެއެވެ.
ހަލީޖް ޓައިމްސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔޫއޭއީގެ ޖީއޭއައިއޭއީގެ ނިންމުމަކީ އެގައުމުގެ އެމަޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓުން ދީފައިވާ އިރުޝާދުތަކުގެ މަތިން ނިންމި ނިންމުމެކެވެ. އަދި މި ނިންމުމުގެ ދަށުން މި މުއްދަތުގައި މިސްކިތްތަކުގައި ބަންގި ގޮވި ނަމަވެސް މިސްކިތްތައް ހުންނާނީ ބަންދު ކޮށްފައި ކަމަށް މި ނޫހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެގައުމުގައި ބަންގި ގޮވާއިރު ނަމާދަށް އަވަހަށް އައުމަށް ގޮވުމުގެ ބަދަލުގައި ގޭގައި ނަމާދު ކުރުމަށް ދެފަހަރު ގޮވާނެ ކަމަށް އެގައުމުގެ ސަރުކާރާ ހަވާލާދީ ހަލީޖް ޓައިމްސްގައި ބުނެފައިވެއެވެ. އަދި އެންމެންވެސް ހުރިހާ ނަމާދު ވަގުތުގައި ގޭގައި ނަމާދު ކުރުމަށް ޔޫއޭއީ ސަރުކާރުން އިރުޝާދު ދީފައިވާ ކަމަށް ހަލީޖް ޓައިމްސްގައިވެއެވެ.
މިހާތަނަށް ޔޫއޭއީން ކޮވިޑް 19އަށް ޕޮސިޓިވްވެފައިވަނީ 98 މީހެކެވެ.