ކޮވިޑް 19 އަށް ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، މި ބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރެވޭ އަދި އެކަހެރި ކުރެވޭ މީހުން ބޭތިއްބުމަށް އިތުރު 1000 އެނދު މާލެ ކައިރީ ސަރަހައްދުން ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
މިކަން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.
މިނިސްޓަރު އަލީ ވަހީދު މިކަން ހާމަކުރެއްވި އިރު، ކުރިޔަށް އޮތް ހަފުތާ ނުވަތަ ދެ ހަފުތާއެއްގެ ތެރޭގައި ރާއްޖޭގައި ކޮވިޑް 19 އިތުރަށް ފެތުރިދާނެ ކަމަށް ސިއްހީ ބައެއް ފަރާތްތަކުން އިންޒާރު ދީފައި ވާތީ، ރައްކާތެރިކަމުގެ ގިނަ ފުޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ. އެ ގޮތުން ރާއްޖޭގެ ހުރިހާ ގެސްޓުހައުސް ތަކާއި ސިޓީ ހޮޓާތައް ބަންދުކުރަން ނިންމިކަން ވަނީ އިއުލާނުކޮށްފަ އެވެ. ރަށްރަށުގައި ހުރި ގެސްޓްހައުސްތައް ބަންދުކުރަން ނިންމި އިރު، މާލޭގައި ހުރި ގެސްޓްހައުސްތައް ބަންދުކުރަން މީގެ ކުރީން ސަރުކާރުން ވަނީ އަންގާފަ އެވެ. އަދި ރިސޯޓުތަކުގައި ތިބި ޓޫރިސްޓުން ވެސް މީހުން ދިރިއުޅޭ ރަށްރަށަށް އަދި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން، ސްކޫލު ތަކާއި ޓިޔުޝަން ސެންޓަރު ކަމާއި ކިޔަވައިދޭ އެނޫން ހުރިހާ ތަންތަން ވެސް ބަންދުކުރަން ސަރުކާރުން ވަނީ އަންގާފަ އެވެ. ހަމަ އެއާއި އެކު މީހުން އެއްވެ އުޅޭ ޕާކުފަދަ ތަންތަނާއި ކުޅިވަރު ކުޅޭ ހުރިހާ ތަނެއް ވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑް 19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު، މިދިޔަ 24 ގަޑިއިރު ތެރޭ މި ބައްޔަށް އިތުރު މީހަކު ޕޮޒިޓިވް ވެފައެއް ނުވެ އެވެ. އެހެން ނަމަވެސް ބަލީގެ އަލާމާތް ފެންނަ ބައެއް މީހުން އެކަހެރިކޮށްފައި އެބަ ތިއްބެވެ.
ކޮވިޑް 19 އާއި ގުޅިގެން، ސަރުކާރު ވެސް މި މަހުގެ 19 އިން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރުމަށް މިއަދު ވަނީ ނިންމާފަ އެވެ. އަދި ހަމަ އެހެންމެ ސިޔާސީ މަގާމު ތަކުގެ މުސާރަ 20 ޕަސެންޓު ކުޑަ ކުރުމާ އެކު، ދައުލަތުގެ ހަރަދު ކުޑަކޮށްގެން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ވެސް ވަނީ ނިންމާފަ އެވެ.