ކުއްލި ޚަބަރު

ކޮވިޑް 19 : ވިލިމާލެއިން ފެނުނު ކޮވިޑް 19ގެ އަލާމާތް ހުރި ދިވެއްސަކު ކަރަންޓީނު ކޮށްފި

މަރިޔަމް ޝަހުދާ

ވިލިމާލެއިން ފެނުނު ކޮވިޑް 19ގެ އަލާމާތް ހުރި މީހަކު ކަރަންޓީނު ކޮށްފި އެވެ.

ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެކަހެރި ކޮށްފައިވަނީ ދެކުނު ކޮރެއާއިން ރާއްޖެ އައި ދިވެއްސެއް ކަމަށެވެ.

މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ އެ މީހާ ފަރުކޮޅުފުއްޓަށް ގެންދިއުމަށް ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި އޭނާ އާއި ކޮންޓެކްޓްވެފައިވާ މީހުން ހޯދުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން ފާހަގަވެފައިވާ ބައެއް މީހުންނަށް ހޯމް އައިސޮލޭޝަނަށް ދިނުމަށް އަންގާފައިވާނެ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ސަރުކާރުންވަނީ މިމަހު ތިނެއްގައި ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައެވެ. އެއީ ދެކުނު ކޮރެއާގެ ނޯތު ޖިއޮންސާންގް ޕްރޮވިންސް އަދި ސައުތު ޖިއޮންސާންގް ޕްރޮވިންސް އިން އަންނަ މީހުންނެވެ. ވިލިމާލެއިން އެކަހެރި ކުރި މީހާ އަކީ މި ދެ ޕްރޮވިންސް ނޫން އެހެން ސަރަހައްދަކުން ރާއްޖެއައި މީހެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ.