ކުއްލި ޚަބަރު

ކޮވިޑް 19 : އިނގެރޭސި ވިލާތާއި މެލޭޝިއާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

މަރިޔަމް ޝަހުދާ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން އިނގިރޭސި ވިލާތާއި މެލޭޝިއާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.

މިއަދުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މެލޭޝިއާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރުމަށް ނިންމާފައިވަނީ މިރޭގެ 6:00 އިން ފެށިގެން ކަމަށެވެ. އަދި އިނގެރޭސިވިލާތުން ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް ނިންމާފައިވަނީ މިމަހުގެ 19ވާ ބުރާސްފަތި ދުވަހުގެ 00:00 އިން ފެށިގެން ކަމަށެވެ.

މި މުއްދަތުން ފެށިގެން މި ދެ ގައުމުން އަންނަ އެއްވެސް ބިދޭސީއަކަށް، އަދި އެ ގައުމުގައި ޓްރާންސިޓް ވެފައި އަންނަ އެއްވެސް ބިދޭސީއަކަށްވެސް ރާއްޖެ އެތެރެވުމުގެ ހުއްދައެއް ނުލިބޭނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ. މީގެ އިތުރުން މި ދެ ގައުމުން ރާއްޖެއަށް އަންނަ ކޮންމެ ދިވެއްސެއްވެސް 14 ދުވަހު ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.