ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ބަންދުކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ކޮވިޑް 19އާއި ބެހޭ ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
ހުރިހާ ޓޫރިސްޓު ގެސްޓުހައުސް ތަކާއި ސިޓީ ހޮޓާތައް ބަންދުކުރަން ސަރުކާރުން ނިންމި އިރު، މާލޭ ސަރަހައްދުގެ ހުރިހާ ގެސްޓުހައުސްތައް ބަންދުކުރަން މީގެ ކުރީން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ރިސޯޓުތަކުގައި ތިބި ޓޫރިސްޓުން ވެސް މީހުން ދިރިއުޅޭ ރަށްރަށަށް އަދި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން، ސްކޫލު ތަކާއި ޓިޔުޝަން ސެންޓަރު ކަމާއި ކިޔަވައިދޭ އެނޫން ހުރިހާ ތަންތަން ވެސް ބަންދުކުރަން ސަރުކާރުން ވަނީ އަންގާފަ އެވެ. ހަމަ އެއާއި އެކު މީހުން އެއްވެ އުޅޭ ޕާކުފަދަ ތަންތަނާއި ކުޅިވަރު ކުޅޭ ހުރިހާ ތަނެއް ވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑް 19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު، މިދިޔަ 24 ގަޑިއިރު ތެރޭ މި ބައްޔަށް އިތުރު މީހަކު ޕޮޒިޓިވް ވެފައެއް ނުވެ އެވެ. އެހެން ނަމަވެސް ބަލީގެ އަލާމާތް ފެންނަ ބައެއް މީހުން އެކަހެރިކޮށްފައި އެބަ ތިއްބެވެ.
ކޮވިޑް 19 އާއި ގުޅިގެން، ސަރުކާރު ވެސް މި މަހުގެ 19 އިން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރުމަށް މިއަދު ވަނީ ނިންމާފަ އެވެ. އަދި ހަމަ އެހެންމެ ސިޔާސީ މަގާމު ތަކުގެ މުސާރަ 20 ޕަސެންޓު ކުޑަ ކުރުމާ އެކު، ދައުލަތުގެ ހަރަދު ކުޑަކޮށްގެން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ވެސް ވަނީ ނިންމާފަ އެވެ.