ސަރުކާރުގެ ހުރިހާ ސިޔާސީ މަގާމު ތަކެއްގެ މުސާރަ 20 ޕަސެންޓް ކުޑަކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ ކޮވިޑް 19 އާ ގުޅޭގޮތުން ސަރުކާރުން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ގޮތުން، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކުން މި މާރިޗު މަހުން ފެށިގެން 20 ޕަސެންޓް އުނިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
އަދި ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ އާއި އިނާޔަތްތަކުން 20 ޕަސެންޓް އުނިކުރެއްވުމަށްވެސް ނިންމެވިއެވެ.
މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކޮވިޑް 19 އާ ގުޅިގެން މިވަގުތު ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރުމާއި، ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހަމައެއާއެކު، މި މާރިޗު މަހުގެ 10 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދައުލަތުގެ ބަޖެޓުން ހަރަދުތައް ކުޑަކުރެއްވުމަށް މަޝްވަރާ ކުރައްވައި، މުޅި ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމަށް މިނިސްޓްރީ އޮފް ފިނޭންސުން މިއަދު އަމަލުކުރައްވަން ފެށްޓެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ.
ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރައްވާއިރު، ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ކުރާ ހަރަދުތަކުން އެއްވެސް ބައެއް އުނި ނުކުރެއްވުމަށާއި، އަދި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުކުރައްވާގޮތަށްވެސް ވަނީ ނިންމަވައިފައެވެ.