ކުއްލި ޚަބަރު

މިމަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުކުރަން ނިންމައިފި

އިބްރާހިމް ޒަކީ

މި މަހުގެ 19 އިން ފެށިގެން މި މަހުގެ 26 ގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެއީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އަޅަން ނިންމާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށެވެ.

އެގޮތުން މި މާޗު މަހުގެ 19ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މާރިޗު މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކޮވިޑް 19 ރާއްޖޭގައި ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިވަގުތު އަޅުއްވަން ފެންނަ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައިވާތީ ކަމަށެވެ.

މި މާޗު މަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުކުރައްވާ ގޮތަށް ހަމަޖެއްސެވި ކަމަށްވިޔަސްވެސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް، މެދުނުކެނޑި ދިނުމަށްޓަކައި ބޭނުންވާ އެންމެމަދު މުވައްޒަފުން މަސައްކަތަށް ނެރެގެން، ބައެއް ދާއިރާތަކުގެ ހިދުމަތްތައް ދެވޭނެ އިންތިޒާމް، އިދާރާތަކުން ހަމަޖެއްސުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް، މެދުނުކެނޑި ދިނުމަށް، އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެގެން، ހިދުމަތް ދޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ ދާއިރާތައް:

  • ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ހިދުމަތް
  • އަދުލު އިންސާފުގެ ބާރާއި ކޯޓުތަކުގެ ހިދުމަތް
  • ސިފައިންނާއި ފުލުހުންގެ ހިދުމަތް
  • ފެނާއި ކަރަންޓާއި ނަރުދަމާ އަދި އިންޓަރނެޓާއި ފޯނުގެ ހިދުމަތް
  • ހާރިޖީ ގުޅުންތަކާބެހޭ ހިދުމަތް
  • ސޯޝަލް ޕްރޮޓެކްޝަން ސަރވިސް އާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބައިގެން ބަލަހައްޓާ މަރުކަޒުތަކުގެ ހިދުމަތް
  • އެއަރޕޯޓުތަކާއި ސީޕޯޓްތަކުގެ ހިދުމަތް
  • ބްރޯޑްކާސްޓިންގ ހިދުމަތް
  • ބޭންކިންގ ހިދުމަތް
  • ފަޔަރ އެންޑް ރެސްކިއު ހިދުމަތް
  • މީޓިއޮރޮލޮޖިކަލް ހިދުމަތް
  • ކައްކާ ގޭހުގެ ހިދުމަތް
  • ފިއުލްގެ ހިދުމަތް
  • ކުނިނަގައި އުކާލުމުގެ ހިދުމަތް
  • ރަށް ކުނިކަހައި ބެލެހެއްޓުމުގެ ހިދުމަތް
  • ޖަލުގެ ހިދުމަތް

ރައީސް އޮފީހުން ބުނި ގޮތުގައި މީގެއިތުރުން، ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް މިހާރު އަޅުއްވާފައިވާ އެކިއެކި ފިޔަވަޅުތަކުގެ އިތުރަށް، އެއްތަނަކަށް މީހުން އެއްވެ ހިންގާ ހަރަކާތްތައް ވަގުތުން ހުއްޓާލުމާއި، ރާއްޖޭގެ އަތޮޅުތަކަށާއި، ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމާއި، އެކި ކަންކަމުގައި ބޭރަށް ނުކުތުން ވީހާވެސް ބޮޑަށް މަދުކުރެވޭނެ ގޮތެއްގެ މަތިން ރައްޔިތުންގެ އަމަލުތައް ބެހެއްޓުމުގެ މުހިންމުކަން، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރައްވައި، މިކަމާ ގުޅޭގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް، ކަމާބެހޭ އިދާރާތަކުން އެޅުއްވުމަށްވެސް ނިންމެވިއެވެ.

ކޮވިޑް 19 ރާއްޖެއިން ފެނުމާ ގުޅިގެން، މިހާތަނަށްވެސް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާފައިވާކަން މިއަދުގެ ޖަލްސާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް 19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އެވަގުތަކަށް އަޅުއްވަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެ ކަމުގެ ޔަގީންކަން، މަޖިލީހުގެ މެންބަރުންނަށް ދެއްވިއެވެ.