ކުއްލި ޚަބަރު

ބޮޑު ކަންނެލި ގަންނަ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް

މަރިޔަމް ޝަހުދާ

ބޮޑު ކަންނެލީގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ މަސްގަތުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޮޑު ކަންނެލި ގަންނަ ފަރާތްތަކަށް އެހީތެރިވުމަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ގާއިމުކުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީގެ މި ނިންމުމަކީ ކޮވިޑް 19ގެ ސަބަބުން މަސްވެރިކަމަށް ދިމާވެފައިވާ ގޮންޖަހުންތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.

މިނިސްޓްރީން މިއަދު އާންމު ކުރި ބަޔާނެއްގައި މި ނިންމުމަކީ އިކޮނޮމިކް މިނިސްޓްރީ، މޯލްޑިވްސް ސީފުޑް ޕްރޮސެސާ އެންޑް އެކްސްޕޯޓިންގް އެސޯސިއޭޝަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ބޮޑު ކަންނެލި ގަނެ އެކްސްޕޯޓު ކުރާ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާގެ މަތިން ނިންމު ނިންމުމެއް ކަމަށް ބުނެފައި ވެއެވެ. އަދި ލޯނު ފެސިލިޓީއަކީ މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކުގެ ވިޔަފާރި ދެމެހެއްޓުމުގެ ގޮތުން އެޅުމަށް ނިންމި ފިޔަވަޅުތަކުގެ ތެރެއިން ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފާއިތުވެ ދިޔަ ފަސް ދުވަހު ކުރި މަޝްވަރާތަކުން މި ވަގުތަށް އެންމެ ބޮޑު ގޮންޖެހުމެއް ދިމާވެފައިވަނީ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ކަން ފާހަގަ ވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމާފައިވަނީ މަސްވެރިކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް މިނިސްޓްރީން ބުނެއެވެ.

100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ގާއިމުކުރުމުގެ އިތުރުން ލޯނު ފެސިލިޓީގެ ބޭނުން ހިފާ ކުންފުނިތަކަށް މަސް ގަނެވޭނެ އެންމެ ކުޑަ އަގަކަށް -/25 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އިންޖީނު ލޯނު ނުވަތަ އޮޑި ބަނުމަށް އަދި މަރާމާތައް ލޯނު ނަގައިގެން ލޯނު ދައްކާ ފަރާތްތަކަށް ލޯނު ދެއްކުމުގައި ލުޔެއް ހޯދައިދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ފިޔަވަޅުތައް އެޅުމުން ބޮޑެކަންނެލީގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ފިޔަވަޅުތަކުގެ ސަަބަބުން، ކޮވިޑް 19ގެ އަރައިގަނެވެންދެން މަސްވެރިން އަދި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް މަގުފަހިވާނެ ކަމަށް ގަބޫލު ކުރާ ކަމަށް އެ މިނިސްޓްރިން ބުނެއެވެ.